ވިޔަފާރި

ފުރަތަމަ ތިން މަހު އެމްޓީސީސީއަށް ގެއްލުން

May 2, 2019
3

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީއަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ގެއްލުމާ ކުރިމަތިވެއްޖެ އެވެ.

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ކްއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 210 މިލިއަން ރުފިޔާ އެވެ. އަދި މި ކްއާޓަރުގައި އެ ކުންފުންޏަށް ވަނީ 45 މިލިއަން ރުފިޔާ ގެއްލުންވެފަ އެވެ.

އެ ކުންފުނިން ނިމިދިޔަ ކުއާޓަރުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި 29 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ޓެކްސް އަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 45 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގެ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާ އެމްޓީސީސީއަށް މި ކްއާޓަރުގައި ގެއްލުންވެފައިވާއިރު، އެ ކުންފުންޏަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ވަނީ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފަ އެވެ. އަދި ގިނަ މަސައްކަތްތަކެއް ވަނީ ނިންމާފަ އެވެ.