އިއްޔެ މާމިގިލީ އެއާޕޯޓްގައި ފަޔާ ލޮރީއެއް ކޮންޓްރޯލް ނުވެ ގޮސް ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ތިން މީހުންގެ ހާލު މިހާރު ރަނގަޅު ކަމަށް އެ މީހުނަށް ފަރުވާ ދެމުން އަންނަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
މާމިގިލީގައި އެއާޕޯޓްގައި ހިނގި އެކްސިޑެންޓްގައި ހަތަރު މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބި، އަނިޔާވި އެވެ. އޭގެ ތެރެއިން އަކު އެކަކު ވަނީ އިއްޔެ ހަވީރު މަރުވެފަ އެވެ. އެކްސިޑެންޓަށްފަހު ފަރުވާދޭން އެ މީހުން އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ ވަނީ މަރުވެފަ އެވެ. މަރުވެފައި ވަނީ މާމިގިލީ، ބިންމާގޭ، އަހުމަދު ރަޝީދު އަބްދުއް ޝަކޫރު 30، އެވެ.
އެކްސިޑެންޓަށް ފަހު ސީރިއަސް ހާލަތުގައި ތިބި އަނެއް ތިން މީހުން އިއްޔެ ފުރަތަމަ މާލެ ގެންނަން އޮތީ އައިޖީއެމްއެޗަށެވެ. ނަމަވެސް ފަހުން އެ މީހުން މާލެ ގެނެސް ގެންދިޔައީ އޭޑީކޭއަށެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް ވިދާޅުވީ މާމިގިލީ އެއާޕޯޓް އެކްސިޑެންޓްގައި ޒަހަމްވި މީހުންގެ ތެރެއިން ތިން މީހަ،ކު އެ ހޮސްޕިޓަލަށް ގެންދިޔައީ ރޭ ދަންވަރުގައި ކަމަށާއި "އެމީހުންގެ ހާލު މިހާރު ރަނގަޅު" ކަމަށެވެ.
މާމިގިލީ އެއާޕޯޓުގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި ތިން މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އެ ތިން މީހުންގެ ވެސް ވަނީ ބިނދިފަ އެވެ.
އޭޑީކޭގައި ފަރުވާ ހޯދާ ތިން މީހުންނާއި އެކްސިޑެންޓަށްފަހު މަރުވި މީހާއަކީ މާމިގިލި އެއާޕޯޓުގައި ފަޔާ ފައިޓަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނެވެ. އެކްސިޑެންޓަށް ފަހު މަރުވި މީހާގެ ޖަނާޒާ ބާއްވާފައި ވަނީ ރޭ ފަތިހު އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިޔަފާރީގައި ހިމެނޭ މާމިގިލީ އެއާޕޯޓް އޮޕަރޭޓް ކުރަން ފެށި ފަހުން މިހާތަނަށް އައި މިފަދަ ފުރަތަމަ ހާދިސާ އެވެ.