ހަބަރު

މާލީ ބަޔާން ނުދޭ ކެނޑިޑޭޓުންނަށް ދައުވާ ކުރަން ފޮނުވައިފި

ނިމި ދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މުއްދަތު ހަމަވި އިރު މާލީ ބަޔާން ހުށަަހަޅާފައިނުވާ 39 ކެންޑިޑޭޓުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ފަރާތުން ފޮނުވައިފި އެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ ބާޔާނެއް އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް މުއްދަތު ހަމަވިއިރު، އިންތިހާބުގައި ވާދަކުރި 386 ކެނޑިޑޭޓުންގެ ތެރެއިން ބަޔާން ހުށަހަޅާފައިވަނީ 347 ކެނޑިޑޭޓުން ކަމަށް އީސީން ވަނީ ބުނެފަ އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، މާލީ ބަޔާން ހުށަނާޅާ 39 ކެނޑުޑޭޓުންނަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ އިތުރުން މާލީ ބަޔާން ފުރިހަމަ ނުވާ 11 ފަރާތަކަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އެމުއްދަތުގައި ފުރިހަމަކޮށް ހުށަނާޅައިފިނަމަ ދައުވާ ކުރަން ފޮނުވާނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުން:

  • އަމިއްލަ 31 ކެންޑިޑޭޓަކު
  • ޕީޕީއެމްގެ 2 ކެންޑިޑޭޓުން
  • ޕީއެންސީގެ 1 ކެންޑިޑޭޓު
  • އަދާލަތުގެ 1 ކެންޑިޑޭޓު
  • އެމްޓީޑީގެ 2 ކެންޑިޑޭޓުން
  • ލޭބާ ޕާޓީގެ 2 ކެންޑިޑޭޓުން

ގާނޫން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރ. އާއި 24،000 ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.