އިލެކްޝަންސް ކޮމިޝަން

ޕީޖީއަށް ފޮނުވި މާލީ ބަޔާންތަކުގެ މައްސަލަ ބޭރުކޮށްލައިފި

May 14, 2019

މަޖިލިސް އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން ގާނޫނު ބުނާ މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުންގެ މައްސަލަތަކުގައި ދައުވާ ކުރުމަށް އެދި އީސީ އިން ޕީޖީ އޮފީހަށް ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލައިފި އެވެ.

އެ މައްސަލަތައް އަނބުރާ ފޮނުވާލީ އީސީން ފޮނުވި ރިޕޯޓްގައި އިތުރަށް ބަލައި ތަހުގީގު ކުރަންޖެހޭ ކަންތައްތަކެއް ހުރެގެނެވެ. އީސީން ބުނެފައި ވަނީ ޕީޖީގެ އޮފީހުން ބޭނުންވާ ގޮތަށް ރިޕޯޓް ފުރިހަމަ ކުރާނެ ކަމަށާއި އޭގެ ފަހުން އަލުން މައްސަލަ ފޮނުވާނެ ކަމަށެވެ.

ނިމިގެން ދިޔަ މަޖިލީހުގެ އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރި އިރު ގާނޫނު ބުނާ މާލީ ބަޔާން 39 ކެންޑިޑޭޓަކު ހުށަނާޅަ އެވެ.

ގާނޫނު ބުނާ ގޮތުން މާލީ ބަޔާން އިންތިހާބު ބާއްވާ ދުވަހުން ފެށިގެން 21 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހެ އެވެ. މާލީ ބަޔާން ހުށަނާޅާނަމަ ހަ މަސްދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލަށް ނޫނީ 6،000 ރުފިޔާ އާއި 24،000 ރުފިއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.