ހަބަރު

ޕީޖީއަށް ކުރިމަތިލާ މީހުނަށް ލިޔުން ދޭން މިއަދު އީސީ ހުޅުވައިފި

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލައްވާ ފަރާތްތަކަށާއި ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތައް އިލެކްޝަނަސް ކޮމިޝަން (އީސީ) އިން ހޯދަން ޖެހޭ ލިޔުން ދޫކުރުން އަވަސް ކޮށްދިނުމުގެ ގޮތުން މިއަދު އެ ކޮމިޝަން ހުޅުވާފައިވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އީސީން ބުނީ ޕީޖީގެ މަގާމަށާއި ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެ ކޮމިޝަނުން ހޯދަން ޖެހޭ ޕާޓީއެއްގައި އުޅޭކަން ނުވަތަ ނޫޅޭ ކަމުގެ ލިޔުން ދޫކުރުން އަވަސް ކޮށްދޭން މިއަދު މެންދުރުން 12:00 އިން 6:00 އާ ހަމައަށް ކޮމިޝަންގެ އިދާރާ ހުޅުވާފައި ހުންނާނެ ކަމަށެވެ.

އީސީ އިން މިހެން ބުނެފައިވާއިރު ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެންމެ ހަ ގަޑި އިރަށެވެ. ބެލެވޭ ގޮތުގައި އެހާ ކުޑަ މުއްދަތެއް ދީފައިވަނީ ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާތީ އެވެ. ދައުރު ހަމަވުމުގެ ކުރިން ޕީޖީއަށް މަޖިލީހުން ރުހުން ދިނުމަށް ފުރުސަތު ދިނުމަށެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބިޝާމް އިސްތިއުފާ ދެއްވީ އޭނާ ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފަށާފައި ވަނިކޮށެވެ.

އިސްތިއުފާ ދެއްވުމުގެ ކުރިން ބިޝާމް ވަނީ ބަޔާނެއް ނެރުއްވައި އޭނާ ވަކި ކުރުމުގެ އިޖުރާއަތްތައް ފަށާފައިވަނީ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.