ރޯދަ މަހާ ރޯއްޖާ

ކުރީގެ ނޫހުން: ޕެން ފްރެންޑް ގެންގުޅުނު ހަނދާން

މި އުޅެނީ މި ޒަމާނުގެ ނޫނީ ހުޅަނގުން ސިފަ ކުރާ ގޮތަށް "މިލެނިއަލްސް" ގެ ސިކުނޑިއަށް ގެންނަން ވެސް އުނދަގޫ ވާހަކަ އެކެވެ. ބައްޕަ ނުވަތަ މަންމަ ކައިރިން އެމީހުންގެ ޅަފުރާގައި އެހެން ގައުމެއްގެ މީހަކާ ވާހަކަ ދައްކާ އުޅުނު ގޮތް ހަނދާންވޭތޯ އަހާލަބަލާށެވެ. ހަމަޔަގީނުން ވެސް އެމީހުން ހިއްސާ ކުރާނީ ދުވަަހަކު ވެސް ނުފެންނަ، ދުވަހަކު އަޑު ނީވޭ މީހަކަށް ސިޓީ ފޮނުވާ ހަނދާނެވެ. އެ ސިިޓީ މަހެއް ދެމަސް ފަހުން އެ ގައުމެއްގެ އެ މީހަކަށް ލިބިއްޖެތޯ ހިތު ތެރޭގައި ކޮންމެ ދުވަހަކު ކުރެވޭ ސުވާލެވެ.

އަދި އެކޮޅުން ފޮނުވާ ސިޓީގެ އިންތިޒާރުުގައި އެތަައް ދުވަހެއް ހުރުމަށްފަހު ޖަވާބު ސިިޓީ ޕޯސްޓު އޮފީހުން އައުމުން އަވަހަށް ތެޅިގަންނަ ކަމެވެ. ރާއްޖޭގެ ރީތި މާހައުލާއި އަަމިއްލަ ދިރިއުޅުމުގެ ކަންކަމުގެ ވާހަކަ ހިއްސާ ކުރަމުން އަނެއްކާ ވެސް ރަައްދު ސިޓީ އެއް ފޮނުވަން ތައްޔާރު ވެއެވެ.

އެއީ ވެސް ޒަމާނެކެވެ. ގާތުގަައި ނެތަސް، ކަރުދާހެއް މެދުވެރިކޮށް ގާތް ދެ ރަހުމަތްތެރިންނަށް ވެއެވެ. ރަހުމަތްތެރިކަމުގެ ގުޅުން ވަރުގަދަކޮށްލައި ދެނީ ގަލަމުގެ ރައްޓެހިންގެ ގޮތުގަ އެވެ. އެކި ގައުމު ގައުމުގެ ރައްޓެހިންނެވެ. އަނެއްކާވެސް ހުޅަނގުގެ ސިފަ ކުރުމަކުން "ޕެން ފްރެންޑްސް" އެވެ.

މިއީ ސޯޝަލް މީޑިއާ އާއި އިންޓަނެޓުގެ ފަސޭހައިން ގައުމުތައް ގުޅާ ލުމުގެ ކުރިން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކަން ކޮށް އުޅުނު އުސޫލެވެ. ރައްޓެހިންގެ ގޮތުގައި އޭރުވެސް އެކި ގައުމުތަަކުގެ މީހުން ތިބެ އެވެ. ކިތަންމެ ދުރަސް ކިތަންމެ ކައިރިއަސް ފޮނުވާ ސިޓީގައި އަސަރު ހުރެ އެވެ. ހިތާ ވެސް ގާތް ކޮށްދެ އެވެ. ދުނިޔޭގެ އެއްކޮޅުން އަނެއް ކޮޅަށް ސިޓީތައް ބަދަލުކުރީ ދުވަހަކު ވެސް ހަމަލޮލަށް ނުފެންނަ މީހަކަށެވެ. އެހެން ނަމަވެސް، ފެނުމުން އެނގޭނެ އެވެ. ބަައެއް ފަހަރު ފެނި ދިމާވެފައި ވެސް ހުރެ އެވެ. އެތައް އަހަރެއް ވަންދެން ސިޓީ މެދުވެރިކޮށް ވާހަކަ ދައްކާ އުޅުނު މީހަކާ ދިމާވުމުން ފެންނާނީ އުފާވެރި މަންޒެއް ނޫންހެއްޔެވެ؟

ޕެންފްރެންޑުންގެ ގޮތުގައި ވުމަށް ސަރުކާރު ނޫސްތަކުގައި އިއުލާންތައްވެސް އޭރު ޖަހާ އުޅުނެވެ. ރައްޓެއްސެއްގެ ގޮތުގައި ސިޓީ ފޮނުވަން ބޭނުންވާ މީހާގެ ނަމާއި ގައުމާއި ޕޯސްޓް އެޑްރެސް އިއުލާންކުރެ އެވެ. ރާއްޖޭގައި ވެސް މިކަހަލަ އިއުލާންތައް ސަރުކާރު ނޫހުގައި ޖެހި އެވެ.

އަރިމަތިން އެ ފެންނަނީ މާޗް 7، 1971 ގައި "މޫންލައިޓް" ނޫހުގައި ޝާއިއު ކޮށްފައިވާ އިއުލާނެކެވެ. ޕޯސްޓް އޮފީހުން ކުރި މި އިއުލާނުގައި ވަނީ، ދެ ގައުމެއްގެ މީހުން ރާއްޖޭން ޕެންފްރެންޑުން ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ޖަރުމަނު ދެ މީހަކާއި ސައުތު އެފްރިކާގެ މީހެއްގެ ނަމާއި އެޑްރެސް މި އިއުލާނުގައި ވަނީ ހިއްސާ ކޮށްފަ އެވެ.

މީގެ އެތައް އިއުލާނެއް އޭރު ޖެހި އެވެ. އިއުލާންތަކާއެކު ޕޯސްޓުންް ސިޓީތައް ވެސް ބަދަލު ކުރި އެވެ. އަދި 1970 ގެ އަހަރުތަކުގައި ރާއްޖޭގައި ޖެހި މި އިއުލާންތައް މިހާރުވެސް ފެނެ އެވެ. ފޭސްބުކް އިން ފްރެންޑް ރިކުއެސްޓެއް ފޮނުވާލާ ޖަހާލަނީ ކުޑަ އިއުލާނެކެވެ. އާއްމުކޮށް އިއުލާން ނުކުރިއަސް މެ އެވެ.