ކ. މާފުށީގައި ހުންނަ ސަރުކާރުގެ މައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީންނަށް ސާފު ބޯފެން ފޯރުކޮށްދޭން، ޖަލުގައި ބެހެއްޓި ފެން ޕްލާންޓް މިއަދު އިފްތިތާހުކޮށްފި އެވެ.
ފެން ޕްލާންޓް އިފްތިތާހު ކޮށްދެއްވުމަށްފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިއަދު ހިދުމަތް ފެށި ފެން ޕްލާންޓްގެ ސަބަބުން ޖަލުގައި ތިބި ހުރިހާ ގައިދީންނަށް ސާފު ބޯފެން ފޯރުކޮށް ދެވޭނެ ކަމަށާއި، މިހާރު އެކަމަށް ސަރުކާރުން ކުރާ ހަރަދު ވެސް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ.
"ކުރިން ފޯރުކޮށްދޭ ފެނަކީ ހަގީގަތުގައި ބޯން އެކަށީގެންވާ ފެނެއް ނޫން. ގިނަ ގައިދީން ބޭނުން ކުރަނީ ފެން ގަނެގެން. ނަމަވެސް މިއަދު މި ބެހެއްޓި ޕްލާންޓާއެކު ހުރިހާ ގައިދީންނަށް ވެސް ހަމަހަމަކަމާއެކު މިނަރަލް ވޯޓާއާ އެއް ދަރަޖައިގެ ސާފު ބޯފެން ފޯރުކޮށްދެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، ސާފު ބޯފެން ޔަގީން ކުރެވިގެން ދިއުމަކީ ބޯން އެކަށީގެންނުވާ ފެނުގެ ސަބަބުން ގައިދީންނަށް ކުރިމަތިވާ ސިއްހީ މައްސަލަތައް ވެސް ހައްލުވެގެންދާނެ ކަމަށެވެ.
މިދިއަ މާޗު މަހު ފެށި މަޝްރޫއުގައި ބެހެއްޓި ފެން ޕްލާންޓުން ދުވާލަކު 80 ޓަނުގެ ފެން އުފައްދާނެ އެވެ. އަދި އެއީ ޖަލަށް ބޭނުންވާ ތިން ދުވަހުގެ ފެން އެއް ދުވަހުން ރައްކާ ކުރެވޭނެ އިންތިޒާމެކެވެ.
ހޯމް މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، އެ ފެން ޕްލާންޓްގެ ސަބަބުން، ޖަލަށް ފެން ފޯރުކޮށްދޭން ދައުލަތުން މީގެ ކުރިން އަހަރަކު 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރި ނަމަވެސް ދެން އެ ހަރަދު ގާތްގަނޑަކަށް ނުވަ މިލިއަން ކުޑަވެގެންދާނެ އެވެ.