އުތުރު ކޮރެއާއިން ބެލިސްޓިކް މި ސައިލްތަކެއް ޓެސްޓްކޮށްފި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.
އެ ގައުމުގެ ލީޑަރު ކިމް ޖޮންގް-އުން ވަޑައިގެން ހުންނަވާ ކުރެއްވި މިސައިލް ޓެސްޓުތަކުގެ ބޭނުމަކީ އެ ގައުމުގެ ދިފާއީ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށް ވެސް އެ ގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.
މިސައިލް ޓެސްޓު ކުރުމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ އުތުރު ކޮރެއާގެ ކުރިމަގަށް ހުރަސް އެޅޭނެފަދަ ކަމެއް ކިމް ނުކުރާނެކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށެވެ.
އެމެރިކާއާއި އުތުރު ކޮރެއާއިން ހަނޯއީގައި ފެބްރުއަރީ މަހު ބޭއްވި ސަމިޓުގެ މަޝްވަރާތައް ނިންމާލިއިރު އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލައާމެދު އެއްބަސްވުމަކާއި ހަމައަށް ދެވިފައެއް ނުވެއެވެ.
އުތުރު ކޮރެއާއިން މިސައިލް ޓެސްޓު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ހުއްޓިފައިވާ ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމަށް އެމެރިކާއަށް ޕްރެޝަރު ކުރުން ކަމަށް މަޝަރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެމެރިކާއިން އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް އެއްފަހަރާ ހުއްޓާލަން ބޭނުންވި ނަމަވެސް ކިމް އެދެނީ އެގައުމަށް ކުރިމަތި ކޮށްފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ފަހު މަޑުމަޑުން ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލާށެވެ.
މިދިޔަ މާޗް މަހު އެ ގައުމުން ޓެކްޓިކަލް ގައިޑަޑް ވެޕަން އެއް ވެސް ވަނީ ޓެސްޓް ކޮށްފަ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ކުރު ރާސްތާގެ މިސައިލް ޓެސްޓް ކޮށްފަވާއިރު އެ މިސައިލް ޓެސްޓަކީ އެކަމުގެ ސަބަބުން އުތުރު ކޮރެއާއިން ދިގު ރާސްތާގެ މިސައިލް ޓެސްޓު ނުކުރުމަށް ވެފައިވާ ވައުދާއި ހިލާފުނުވި ނަމަވެސް ސީރިއަސް ކަމެއްގެ ގޮތުގައި ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
އުތުރު ކޮރެއާއިން ޓެސްޓް ކުރި މިސައިލްތަށް 70 ކިލޯމީޓަރާއި 200 ކިލޯމީޓަރުގެ ދުރުމިނަކަށް ދަތުރުކޮށްފާއި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.