ލައިފްސްޓައިލް

ބައެއް މަންމައިން ރޯދައަށް ބަދަލުކޮށްލާ ގޮތް ތަފާތު!

ދިވެހިންނަކީ ރޯދަ މަހުގެ ތައްޔާރީތައް ވަރަށް ދުރާލައި ހީވާގި ކަމާއިއެކު ފުރިހަމައަށް ކުރާ ބައެކެވެ. ގޯތިތެރެއަށް ވެލިލަ އެވެ. ގޭތެރެ ފޮޅާ ސާފުކުރެ އެވެ. ފާރުތަކުގައި ކުލަލައި ފަރުނީޗަރު ބަދަލުކުރެ އެވެ. ނަމަވެސް ފަހަކަށް އައިސް ދިވެހި ޒުވާން މަންމައިން ވަރަށް ތަފާުތުގޮތަށް ރޯދަ މަހަށް މަރުޙަބާ ކިޔަން ފަށައިފި އެވެ. ކުރީގެ ޖީލުތަކާއި ޚިލާފަށް މިހާރުގެ މަންމައިން މި ފެންނަނީ އެމީހުންގެ ދަރިން ރޯދައަށް އަހުލުވެރިކުރުވާނެ ތަފާތު، ޒަމާނީ ގޮތްތައް ތައާރަފުކުރަމުންދާތީ އެވެ. މި ހީވާގި މަންމައިން ކުރަނީ ކީއްހެއްޔެވެ؟

1
 

ރޯދައިގެ ރޫޙު ސިފަވާ ގޮތަކަށް ގޭތެރެ ޒީނަތްތެރިކުރުން

މި މަންމައިން ވެސް ރޯދައަށް ގޭތެރެ ސާފު ކުރެ އެވެ. އެކަމަކު ގޭތެރޭގެ ކުލަ އާކޮށްލައި ހުރިހާ ފަރުނީޗަރު ބަދަލުކޮށްލައިގެނެއް ނޫނެވެ. ރީތިގޮތަކަށް އަދި ގޭގައި ތިބި ކުދިން ވެސް ގަޔާވާފަދަ ކުލަޔަކުން "ރަމަޟާން މުބާރިކް" އަޅާލައި ފާރުގެ ފަޅުކަން ފިލުވައިލަނީ އެވެ. ކުލަ ބޮކި ފައްޗެއް އޭގެ ވަށައިގެން ފަތުރާލާ، ފާނޫޒުތައް ގޭގެ އެކި ދިމަދިމާލުގައި އަތުރާލަނީ އެވެ. ތަފާތު ކުލަކުލައިގެ ދިދަތައް ހަރުކޮށްލައެވެ.

އޭގެ ބައެއް މަންމައިން ބުނާ ގޮތުގައި ކޮންމެ ދިވެހި ކުޑަކުއްޖަކަށް ވެސް ރޯދަ މަހަކީ ކޮބައިކަން އެނގެ އެވެ. އަދި މި މާތް މައްސަރުގެ 30 ދުވަހަށް، ކުދިންގެ ޝައުޤުވެރިކަން ހިފަހައްޓާލައި، މިއީ މުސްލިމުންނަށް ކިހާ މުހިންމު މައްސަރެއްކަން އަންގައިދިނުމަށް މިއީ ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.

2
 

ކުދިންނަށް ޚާއްސަ ރޯދަ ވަށިގަނޑެއް

ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން މި މަންމައިން ހާއްސަ ވަށިގަނޑެއް ތައްޔާރުކޮށްލަ އެވެ. އެގޮތުން ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެވެސް ކަހަލަ ކުޅޭ އެއްޗެއް ބައެއް މަންމައިން ވަށިގަނޑަށް ލައެވެ. މި ހަދިޔާއަކީ ކުދިންނަށް އޭގެ ބޭނުން ރޯދަ މަހުގައި ހިފޭނޭފަދަ އެއްޗަކަށް ހަދަން ސަމާލުކަން ދެއެވެ. އަވަދިނެތި މައިންބަފައިން ސުފުރާމަތި ތައްޔާރުކުރުމުގައި އުޅޭ ވަތުގު، ނުވަަތަ އަޅުކަމުގައި އުޅޭ ވަގުތުތަކުގައި ކުދީން ކުޅެކަން ކްލޭ ނުވަތަ ޕްލޭ ސޭންޑް ފަދަ އެއްޗެއް ވަށިގަނޑަށް ލައި ދެނީ އެވެ. ކިޔާލާނެ ފޮތެއްވެސް ބައެއް މަންމައިން ހިމަނާލައެވެ.

މިގޮތަށް ވަށިގަނޑަށް ލުމަށް އެއްޗެހި ހަމަކުރާއިރު ރޯދަ މަހާއި ގުޅޭ ފޮތެއް ލުމަށް ޚާއްސަ ސަމާލުކަމެއް ދޭކަން ފާހަގަ ކުރެވެއެވެ. ކުލަ ޖައްސާފޮތަކާއި ފަންސޫރުކުލަ ފޮއްޓެއް، ނުވަތަ ކޮންމެވެސް ބާވަތެއްގެ އެކްޓިވިޓީ ފޮތެއްވެސް ލައި އުޅެއެވެ. މީގެ އިތުރުން ރީތި އާ މުސައްލައަކާއި އައްމާފޮތެއްލުމުން މި ވަށިގަނޑުގެ ފުރިހަމަކަން އިތުރުވެ އެވެ.

3
 

ކޮންމެ ދުވަހަކު ކުރާނެ ހެޔޮ އަމަލެއް ކަނޑައެޅުން

ރޯދަ މަހު 30 ދުވަހަށް ބަހާލައިގެން ކުރެވިދާނެ 30 ހެޔޮ އަމަލެއް ކަނޑައަޅައި، ކޮންމެ ދުވަހަކުވެސް މިއިން ކޮންމެވެސް އެއްކަމެއް ކުދިން ލައްވާ ކުރުވުމަކީ ރޯދަ މަހަށް ޚާއްސަކޮށްގެން ޒަމާނީ މަންމައިން ކުރާ ކަމެކެވެ.

މިގޮތުން ކުދި ގަނޑުކޮޅުތަކެއްގައި ލިޔެލުމަށްފަހު ކޮންމެވެސް ކަހަލަ ފުޅިއަކަށްއަޅައި، ރީތިކޮށް ފެންނާނެ ގޮތަކަށް ބަހައްޓަ އެވެ. ނުވަތަ ފުޅިމަދު ބޯޑެއްގައި ރޯދަ މަހުގެ ކޮންމެ ދުވަހަަށް ކުޑަ ޖީބެއް ހަދާލައި، އޭގެ ތެރެއަށް ގަނޑުކޮޅު ލާފައި ވެސް ބަހައްޓަ އެވެ. މި ލިސްޓުގައި ހިމަނާފައި ހުންނަ ބައެއް އަމަލުތަކުގެ ތެރޭގައި އަވަށްޓެރިންނަށް ކޮންމެވެސް ކަހަލަ ކާއެއްޗެެެއް ގެންގޮސްލަދިނުން، ބަލި މީހަކަށް ގޮވައިލަން ދިއުން، ރޯދަވިއްލާގަޑިއަށް މޭޒުގައި ތަށިތައް އަތުރާލަދިނުން ފަދަ ކަންކަަން ހިމެނެ އެވެ.

4
 

ސޮދަގާތް ކުުރުމަށް ފައިސާ އެއްކުރާނޭ ދަޅެއް

ރޯދަ މަހު ކުޑަކުއްޖަކު މިސްކިތަށް ގޮސްފިނަމަ، ނުވަތަ ހަވީރުގަޑީގައި ހިނގާލަން ނުކުތަސް އެ ކުދިންނަށް ވަރަށް ގިނައިން ދީލަތި ބޭބެއިންނާއި ދައްތައިން ދިއްކޮށްލާ ފައިސާ ފޮތި ލިބެއެވެ. މިގޮތަށް ލިބޭ ލާރީ އެއްކުރުމަށް ޚާއްސަ "ޞަދަޤާތު ޖާ" އެއް ތައްޔާރުކޮށް، ކުދިންނާއި އެކު ތައްޔާރުކުރެއެވެ. ކުދިންގެ މައިންބަފައިންނާއި ގާތް ތިމާގެ މީހުންވެސް މި ފުޅިއަށް ޚައިރާތެއް ކޮށްދޭނެކަން ޔަޤީނެވެ. މަސް ނިމިގެން ޢީދު ދުވަހު މިފުޅި ހުޅުވާލައި، އޭގައިވާ ފައިސާ. ނުވަތަ އެފައިސާއަށް ކޮންމެވެސް އެއްޗެއް ގަނެ، ކޮންމެވެސް ފަރާތަަކަށް ކުދިންލައްވާ ހަދިޔާ ކުރެއެވެ.

5
 

ކުދިން ލައްވާ ކްރާފްޓް މަސައްކަތްތަކެއް ތައްޔާރުކުރުން

ޤުރުޢާނުގެ އާޔަތެއް ނުވަތަ ރަސޫލާ (ސ.އ.ވ) ގެ ކޮންމެވެސް ހަދީސެއްގެ މައްޗަށް ބިނާކޮށް، ނުަވަތަ ރަސޫލުބޭކަލުންގެ ސީރަތަށް އަލިއަޅުވަަލައިގެން ތަފާތު އެކިކަހަލަ ހަރަކާތްތައް ރާވާ ތައްޔާރުކުރާ މަންމައިން ވެސް މަދެއްނޫނެވެ. ކުޅުމުގެ ތެރެއިން ކިޔަވައިދީ، ނަބަވީ އިރުޝާދުތައް ގޭތެރޭގައި ދަރިންނަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް ކުޑައެއް ނޫނެެވެ. ރޯދަ މަހުގެ ދުވަސްތައް ހެޔޮގޮތުގައި ވޭތުކުރުމަށް ކުރެވޭ މި މަސައްކަތުން ކުދިންނަށް ވަރަށް ގިނަގުނަ ފައިދާތަކެއްކޮށް، އޭގެން ލިބިދޭ ފިލާވަޅު ސިކުނޑީގައި ހަރުލައްވާފައި ބެހެއްޓުމަށް، އަމަލީގޮތުން ކުދިން ގަޔާވާގޮތަށް ތައްޔާރުކޮށް މިގޮތަށް ކުރެވޭ މަސައްކަތުގެ ދައުރު ވަރަށް މުހިއްމެވެ.

ޒަމާން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ރޯދަ މަހަކީ ކެރަމް ކުޅުމާއި ތާސްކުޅެ، ތަފާތު ޓީވީ ޝޯތައް ބަލައި މީރުކާތަކެތި ކެއުމަށް ޚާއްސަ މައްސަރެެއްގެ ގޮތުގައި ސިފަ ކުރެވެމުން އައި ސިފަކުރުން ބަދަލުކޮށްލުމަށް މަސައްކަތްކުރަން ޖެހެ އެވެ.