ދުނިޔެ

މަޝްވަރާތައް ލަސްވާތީ ޗައިނާ މުދަލުން ޑިއުޓީ ބޮޑުކުރުމުގެ އާ އިންޒާރެއް

May 6, 2019

ވޮޝިންގްޓަން (މެއި 6) - އެމެރިކާ އާއި ޗައިނާއިން ކުރަމުންގެންދާ ވިޔަފާރީގެ ހަނގުރާމައަށް ހައްލެއް ހޯދަން ދެ ފަރާތުން ކުރަމުންދާ މަޝްވަރާތައް ކުރިއަށްދާ ދުވެލި މާ ބޮޑަށް ލަސް ކަމަށް ވިދާޅުވެ، އެމެރިކާއަށް އެތެރެކުރާ ޗައިނާގެ 200 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ބޮޑު ކުރާނެ ކަމުގެ އާ އިންޒާރެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމެރިކާއަށް ޗައިނާއިން އެތެރެކުރާ ބައެއް މުދަލުން މިހާރު ނަގާ 10 ޕަސަންޓް ޑިއުޓީ، އަންނަ ހުކުރު ދުވަހުން ފެށިގެން 25 ޕަސަންޓަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ޑިއުޓީ ނުނަގާ އެތެރެކުރާ ޗައިނާގެ 325 ބިލިއަން ޑޮލަރުގެ މުދަލުން 25 ޕަސަންޓްގެ ޑިޔުޓީއެއް ނަގަން "ވަރަށް އަވަހަށް" ފަށާނެކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

"ޗައިނާއެކު ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ދަނީ ކުރިއަށް. އަލުން ރީ ނެގޯޝިއޭޓް ކުރަން އެމީހުން ބޭނުން ވާތީ އެ މަޝްވާރާތައް ދަނީ މާ ލަހުން،" ޓްރަމްޕްގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވެ އެވެ.

ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ޑިއުޓީ ބޮޑު ކުރަމުން އަންނަ އައުން، 90 ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް އެއްބަސްވެފައި ވަނީ، މިދިއަ ޖެނުއަރީ މަހު އާޖެންޓިނާގައި ބޭއްވުނު ޖީ20 ސަމިޓުގެ ހަވާސާގައި، ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޓްރަމްޕްގެ އެ އިންޒާރު ދެއްވާފައި މިވަނީ، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުން ގާތްވެފައިވާ ކަމަށް ބެލެވިފައި ވަނިކޮށެވެ.

މިދިއަ ޖުލައި މަހު އެންމެ ފުރަތަމަ އެމެރިކާ އިން 25 ޕަސަންޓަށް ޓެކްސް ބޮޑު ކޮށްފައިވަނީ ޗައިނާ އިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުންނެވެ.

އޭގެ ފަހުން، އޯގަސްޓް މަހު އިތުރު 16 ބިލިއަން ޑޮލަރުގެ މުދަލުން ވެސް ވަނީ ޓެކްސް ބޮޑުކޮށްފަ އެވެ.

ބަދަލުހި ފުމުގެ ގޮތުން، ޗައިނާ އިން ޓެކްސް ބޮޑު ކޮށްފައިވާ މުދާތަކުގެ ތެރޭގައި، އެމެރިކާއިން ފުޅާދާއިރާ އެއްގައި އެކްސްޕޯޓު ކުރާ އެކި ބާވަތްތަކުގެ މަހާއި، ސޯޔާ ބީންސް، ކާރު ހިމެނެ އެވެ.