ދުނިޔެ

ޕޫޓިން ޓްރަމްޕްގެ މަޝްވަރާތަކުގައި ޗައިނާ ބައިވެރި ނުވާނެ

އެމެރިކާއާއި ރަޝިއާ ހިމެނޭ ގޮތަށް ބާއްވަން ނިންމާފައިވާ ނިއުކްލިއާ މަޝްވަރާތަކުގައި ޗައިނާއިން ބައިވެރި ނުވާނެ ކަމަށް ޗައިނާ ސަރުކާރުގެ ތަރުޖަމާނަކު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ރަޝިއާއާއެކު އެއްބަސްވެފައިވާ "ނިއު ސްޓާޓް" ނިއުކްލިއާ އެއްބަސްވުމާމެދު ހިތްހަމަ ނުޖެހޭކަން ފާޅުކުރަމުން ރަޝިއާ އަދި ޗައިނާ ހިމެނޭ ނިއުކްލިއާ އެއްބަސްވުމަކަށް ދިއުމަށް ބޭނުންވެފައި ހުރިކަމަށް ސީއެންއެން އިން މިދިޔަ އޭޕްރިލް މަހު ވަނީ ރިޕޯޓްކޮށްފަ އެވެ.

އެމެރިކާގެ ވައިޓް ހައުސްގެ ގިނަ އަދަދެއްގެ އޮފިޝަލުން ސީއެންއެން އަށް މައުލޫމާތު ހިއްސާކުރެއްވި ގޮތުން 2021 ވަނަ އަހަރު ނިއު ސްޓާޓް އެއްބަސްވުމުގެ މުއްދަތު ހަމަވާނެ އެވެ. އަދި މުއްދަތު ހަމަވުމުން ޓްރަމްޕް ބޭނުންފުޅު ވަނީ ރަޝިއާ އާއި ޗައިނާއާއެކު "ހުރިހާ ހަތިޔާރަކާއި ވޯހެޑުތަކާއި މިސައިލްތައް ހިމެނޭ" އާ އެއްބަސްވުމެއްގައި ސޮައި ކުރައްވާށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން މިދިޔަ ހުކުރު ދުވަހު ރަޝިއާގެ ރައީސް ޕޫޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިގް ހިމެނި ވަޑައިގަންނަވާ ނިއުކްލިއާ އެއްބަސްވުމަކަށް ދިއުމަށް އެ ދެބޭފުޅުންނާ ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ޗައިނާއިން އެފަދަ ނިއުކްލިއާ އެބަސްވުމަކަށް ތައްޔާރަށް އޮތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެ އެވެ.

މިވާހަކަތައް ދޮގުކޮށް ޗައިނާ ސަރުކާރުގެ ތަރުޖަމާން ގެންގް ޝުއާންގް ޕްރެސް ކޮންފަރެންސެއް މެދުވެރިކޮށް ވިދާޅުވީ ޗައިނާގައި ގެންގުޅޭ ހަތިޔާރަކީ މައްސަލައެއް ކަމަށް ހަދަން އުޅޭ އެއްވެސް ބަޔަކާ އެއްވެސް ބާވަތެއްގެ މަޝްވަރާއެއް ނުކުރާނެ ކަމަށެވެ. އަދި އެމެރިކާ އާއި ރަޝިއާ ގުޅިގެން ބާއްވާ އެއްވެސް ނިއުކްލިއާ މަޝްވަރާއެއްގައި ބައިވެރި ނުވާނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ ނިއުކްލިއާ ބާރުގެ ގޮތުގައި ތިބެ އެންމެ ފުރަތަމަ ނިއުކްލިއާ ހަތިޔާރު މަދުކުރަން ޖެހޭނީ އެމެރިކާ އަދި ރަޝިއާއިން ކަމަށާއި އެހެން ގައުމަކުން އެކަމުގައި ބައިވެރިވާނީ އޭގެ ފަހުން ކަމަށް ވެސް ޝުއާންގް ވިދާޅުވި އެވެ.

ނިއުކްލިއާ ތްރެޓް އިނީޝިއޭޓިވް އިން މައުލޫމާތު ލިބޭ ގޮތުގައި އެމެރިކާ އާއި ރަޝިއާގެ އަތުގައި ތިބި ހާހުގެ އަދަދުން ގުނާލެވޭ ނިއުކްލިއާ ވޯހެޑްތަކާއި އަޅާބަލާއިރު ޗައިނާ އަތުގައި ވަނީ އެންމެ 280 ނިއުކްލިއާ ވޯހެޑް އެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި 2021 ގެ ކުރިން އާ ނިއުކްލިއާ އެއްބަސްވުމަކަށް ނުދެވިއްޖެނަމަ އެމެރިކާ އަދި ރަޝިއާއިން ނިއުކްލިއާ ވާހަކަތައް އެއްކޮށް ނިންމާލާނެކަމުގެ ބިރު އެބަ އޮތެވެ.