ހަބަރު

ސިންގަޕޫރު އެއާލައިނާ ގުޅިގެން ރާއްޖެ މާކެޓު ކުރަނީ

May 7, 2019

ދުނިޔޭގެ ގިނަ ގައުމުތަކަށް ދަތުރުކުރާ، ސިންގަޕޫރުގެ އެއާލައިން އާއި ގުޅިގެން ރާއްޖޭގެ މާކެޓް ކުރަން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި އެމްއެމްޕީއާރްސީން ސޮއިކޮށްފި އެވެ.

ރާއްޖޭގެ މާކެޓިން ކުންފުނި، އެމްއެމްޕީއާރުސީ އިން ބުނި ގޮތުގައި ސިންގަޕޫރު އެއާލައިނާކު ސޮއިކުރި އެމްއޯޔޫގެ ދަށުން ދެ ފަރާތް ގުޅިގެން މާކެޓިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި ބޭރުގެ މީޑިއާތައް ރާއްޖެ ގެނައުމާއި ބައެއް ގައުމުތަކުގައި ރާއްޖޭގެ ހާއްސަ މާކެޓިން ހަރަކާތް ތަކެއް ހިންގުން ވެސް ހިމެނެ އެވެ.

ރާއްޖޭގެ މާކެޓިން ހަރަކާތްތައް ހިންގަން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އާއި ޗައިނާ އަދި ޖަޕާނުގެ އިތުރުން ސިންގަޕޫރު އަދި ދެކުނު ކޮރެއާ އާއި އެމެރިކާ ހިމެނެ އެވެ. މި ހަރަކާތް ހިންގުމަށް ދެ ފަރާތުން ވެސް 180,000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާ) ހޭދަ ކުރާނެ އެވެ.

ސިންގަޕޫރު އެއާލައިންސްގެ ވައިސް ޕްރެޒިޑެންޓް ސޭލްސް އެންޑް މާކެޓިން ކެމްބަލް ވިލްސަން ވިދާޅުވީ މި މާކެޓިން ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށެވެ.

ސިންގަޕޫރު އެއާލައިންސްއަކީ 1984 ވަނަ އަހަރުް ފެށިގެން ރާއްޖެއަށް އުދުހުންތައް ބާއްވަމުން ގެންދާ އެއާލައިން އެކެވެ.

އެމްއެމްޕީއާރްސީންއ ރާއްޖެ މާކެޓް ކުރުމަށް ހިންގާ ހަރަކާތްތަކުގައި ކުރިން ދިވެހި މީޑިއާ ބައިވެރި ކުރި ނަމަވެސް މިހާރު ރާއްޖޭގެ ނޫސްވެރިންނަކަށް ހަމަހަމަ ފުރުސަތެއް ނުދެ އެވެ.