ރޯދަ މަހާ ރޯއްޖާ

ރޯދަ ނުކުނި: މުޅި ރާއްޖެ ދަންނަ މާލާމާތު ބަންޖެއް!

ކުޑައިރު ރޯދަ މަހުގެ ހަނދާންތައް އެންމެނަށް ވެސް ވަރަށް އުފާވެރި އެވެ. ރޯދަ ހިފަން "ތަމްރީން" ކުރުމުގެ ގޮތުން ރާއްޖޭގައި ވަރަށް ޅަ އުމުރުގައި ކުޑަކުދިން ރޯދައަށް ބައްިތިއްބަން ފެށުމުގެ ސަގާފަތުގެ އެންމެ ބޮޑު އުފަލެއް ލިބެނީ އެ ކުދީންނަށެވެ. ގޭގެ ބޮޑެތި މީހުންނާއެކު ހާރުކާލަން، އާންމުކޮށް ހޭލައި ނޫޅޭ ދަން ގަޑިއެއްގައި ތެދުވެވޭތީ އެވެ. އެ ގަޑީގައި މީރު ކާއެއްޗެހި ހުންނާތީ އެވެ. ފަތިހު ނިދާފައި، ރޯދަ ވަރުބަލިވާނެތީ އަވަހަށް ހޭނުލާން ބާރު އެޅުމަކީ ތަފާތު ތަޖުރިބާ އެކެވެ. ރޯދަ ވީއްލަން ހިތަށް އެރިހާ ވައްތަރުތައް ހިމަނައި އޮއްސާލައި ދިގު ލިސްޓާމެދު އެއްވެސް ޝަކުވާއެއްނެތި، ހީލާފައި މަންމަ އެއްބަސްވާތީ ލިބޭ ހައިރާން ކަމެވެ.

ގިނަ ގޭގޭގައި އެ "ތަމްރީން ޕްރޮގްރާމް" ފަރުމާކޮށްފައި އޮންނަ ގޮތުން، ވަކި އުމުރެއްގެ ކުޑަކުދިން، ހުރިހާ ދުވަހަކު ރޯދައަށް ބެހެއްޓުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ. މިގޮތަށް ރޯދައަށް ނުބަހައްޓާ ދުވަހަކު، އެއްކޮށް ދިރިއުޅޭ އާއިލާގެ އެހެން ކުދިންގެ މަލާމާތުގެ އަމާޒަކަށްވުމަކީ، ގިނަ މީހުންނަށް ކުޑައިރުގެ "ހިތި" އެކަމަކު މިހާރު ހީނލެވޭނެ ހަނދާނަކަށް ވާނެ އެވެ.

ހުއްޓާނުލައި ގޮވާ ބަނދިވަރު

"ރޯދަ ނުކުނި، މަސް ކުނި ކުނި،" ރޯދައަށް ނުބަހައްޓާ ދުވަހަކު ދުވާލު ގަޑީގައި އެއްޗެއް ކާން އިންދާ ފެނިއްޖެނަމަ އެއްކޮށް އުޅޭ އެހެން ކުދިންގެ ފަރާތުން މި "މަލާމާތް" ރައްދު ނުވާ މީހަކު މަދުވާނެ އެވެ.

"ރޯދަ ނުކުނި މަސް ކުނި ކުނި ޖަލާ ނުކުނި! ރޯދަ ކުދިން ފައިބުޑުގައި އެނބުރެނިކޮށް ސެނބުރެނިކޮށް މަތާ އަލީ މަތާ ނެގީޔޯ!" ގޭގެ ބޮޑު މީހަކު ގޮސް ފައްސާލަންދެން އެއްވާމަކަށް މި ފަތިވަރު އަމާޒުވާނެ އެވެ. މުޅި ރާއްޖެއަށް ނަޒަރު ހިންގާލާއިރު، މި ބަނދި، އެކި ސަރަހައްދުތަކުގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ތަފާތެވެ.

ބަނދީގެ ފެށުން އެނގެން ނެތް!

ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވި ގޮތުގައި، އެކަން ފެށުނު ގޮތާއި، އެ ބަނދި އަސްލު އައިސްފައިވާ ގޮތް، ތާރީހުން ފެންނާކަށް ނެތެވެ.

"އެއީ ކިހިނެއް ކިޔަން ފެށުނު އެއްޗެއް ކަމެއް ނެތް ފެންނާކަށް. ކޮން ރަށެއް ނޫނީ ސަރަހައްދަކުން ވާރުތަވެގެން އައި އެއްޗެއް ކަމެއް ވެސް ނޭނގޭ،" އަޝްރަފް ވިދާޅުވި އެވެ.

އެ ބަނދީގެ އަސްލު އެނގެންނެތް ނަމަވެސް، އޭގައި ވަރަށް ދިގު ތާރީހެއް އޮތުން އެކަށީގެންވާ ކަމަށް އަޝްރަފް ވެސް ގަބޫލު ކުރައްވަ އެވެ.

"ކޮންމެ ގޮތެއްވިޔަސް އެކިޔަން ފަށާފައިވާނީ ރާއްޖެ އިސްލާމްވި ފަހުން. އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި، އެ ބަނދި ކިޔަން ފެށިފައި އޮވެދާނެ އެ ހިސާބުން ފެށިގެން ވެސް. އޭރު އެންމެން ރޯދަ ނުހިފާނެތީ، ރޯދަ ނުހިފާ ކުޑަކުދިންނާ ދިމާލަށް އެހެން ކުދިން ކިޔަން ފެށި އެއްޗަކަށް ވުން ވަރަށް ގާތް،" އަޝްރަފް ވިދާޅުވި އެވެ.

ރޯދަ ނުކުނި މަސް ކުނި ކުނި، ޖަލާ ނުކުނި! ރޯދަ ކުދިން ފައިބުޑުގައި އެނބުރެނިކޮށް ސެނބުރެނިކޮށް ބަންޑާރަ ބޮޑު ރުކުގާ ނަގާޖެހީ!
ނ. އަތޮޅުގެ ބައެއް ރަށްރަށުގައި ކިޔާ ގޮތް

ތާރީހު ދިރާސާކުރައްވާ ބޭފުޅުން އިއްތިފާގުވާ ކަމެއް ވެއެވެ. ރާއްޖޭގެ ހުރިހާ ރަށަކުން ވެސް އެ ބަނދީގެ ތަފާތު ވާޝަންތައް އަޑު އިވެ އެވެ. ކުޑަ އުނި އިތުރެއް ގެނެސްގެން ގިނަ ފަހަރު ބަދަލުކޮށްލާފައި އޮންނަނީ ބަނދީގެ ފަހަތު ބައެވެ.

އެއްބައި ސަރަހައްދުތަކުގައި އެ ބަނދި ކިޔާ ގޮތުގެ ކުޑަކުޑަ ތަފާތެއް ހުންނައިރު، ދެކުނަށް ޖެހިލާ ވަރަކަށް ވާހަކަ ދެއްކުމުގައި ހުންނަ ތަފާތުތަކާއެކު، އެ ކިޔަވެލި މުޅީންހެން ބަދަލުވެ އެވެ.

"މިއީ އަޅުގަނޑުމެން ކިޔާ ބަދަލަވަމުން އަންނަ ސަގާފަތަކީ. ކާބަފައިންގެ ތުން ތުން މަތިން އަޑުއިވިގެން ކިޔާ އެއްޗެއްސަށް ވާނީ މިހެން. ޒަމާނުއްސުރެ ތުންތުންމަތިން އިވޭ އެއްޗެއް ކިޔާނީ ދެން އަޑުއިވޭ ގޮތަކަށް. އެހެންވީމަކަމަށް ވެދާނެ އެ ތަފާތުތައް އެ ހުންނަނީ. ދެން އެކި ހިސާބުތަކުގައި ވާހަކަ ދެއްކުމުގަ ހުންނަ ތަފާތުތައް ވެސް މީގެ ތެރެއަށް ވަންނާނެ،" ބަނދި ތަފާތުވާ ސަބަބުތައް ފާހަގަ ކުރައްވަމުން އަޝްރަފް ވިދާޅުވި އެވެ.

ދެކުނުގައި ބަނދި ތަފާތު

"ރޯދަ ނިހިފާ ކަންބަރާ، އީދިގަލިގޭ ހަސަންބަރާ"، މިއީ އައްޑޫގައި ރޯދަ ނުހިފާ ކުދިންނާ ދިމާލަށް އެހެން ކުދިން ކިޔާ ބަނދިކަމަށް ވެ އެވެ. "ރޯދަ ނުކުނި މަސް ކުނި ކުނި" ބަންޖާ ހިލާފަށް އައްޑޫގެ ކިޔަވެލީގެ ފެށުމެއްވާ ކަމަށްވެސްވެ އެވެ.

"އީދިގަލީގޭގައި އުޅުނު ހަސަނަކީ ނަމާދާ ދުރު ރޯދަ ނުހިފާ މީހެއް ކަމަށް ވަނީ. ދެން އޭނަ ރަށު އޮފީހަށް ހާޒިރު ކުރީމަ މި ބުނަނީ ތިމަންނާއަށް ރޯދައަށް ނުހުރެވެނީ ވަރު ދެރަވީމައޭ. ދެން އޮފީހުން މި ބުނަނީ ކީއްވެހޭ މީހުންނަށް ފެންނަ ގޮތަށް ދުވާލު ކަނީ. ދެން ހަސަނު ބުނީ އޭނަ ސިއްރުންނޭ ކަނީ، އެހެން މީހުން އައިސް ބަލަނިއްޔޭ އޭނަ ކުރާ ކަންތައް. ދެން ހަސަނަކަށް ލާމު އަކުރެއް ނުކިޔޭ ރަނގަޅަކަށް، އޭނާއަށް ބޮޑަށް ކިޔެނީ ލާމު ކިޔަންވާ ތަނަކަށް ރާ. އެހެންވެ އޭނައަށް ބުނެވުނީ މީހުން އައިސް ކަން ބަރަނިއްޔޭ" އައްޑޫ މިހަކު އެ ބަނދި ފެށިގެން އައި ގޮތް ކިޔައިދިނެވެ.

"އަސްލު އެ ބަނދި އޮންނަ ގޮތަކީ... ރޯދަ ނިހިފާ ކަން ބަލާ، އީދިގަލިގޭ ހަސަން ބަލާ. އެކަމަކު ހަސަނަށް ލާމު ނުކިޔޭތީ މީހުން ކިޔަން ފެށީ ރޯދަ ނިހިފާ ކަންބަރާ، އީދިގަލިގޭ ހަސަން ބަރާ."

އައްޑޫ މީހުން އެ ވާހަކަ ކިޔައިދޭ ގޮތަށް ބަލާއިރު، އެ މީހުންގެ ވާޝަން ވަރަށް ބޮޑަށް ތަފާތުވެ އެވެ. ހުވަދު އަތޮޅުގެ ރަށްތަކުގައި ވެސް އެ ބަނދި ތަފާތުވާއިރު، އައްޑޫ އޭ އެއްގޮތަށް ކުރުވެސްމެ އެވެ.

މި ބަނދީގެ ފެށުން ތާރީހުގެ ތެރެއަށް ގެއްލިފައިވާތީ ދެކުނުގައި ކިޔާގޮތް ތަފާތުވާ ސަބަބެއް ނޫނީ މާލެ ސަރަހައްދުގައި ކިޔާ ބަންޖާ ގުޅުމެއްއޮތް ކަމެއް އެނގޭކަށް ނެތެވެ.

ޒަމާނުއްސުރެ ބަދަލުވަމުން އައި ނަމަވެސް، ހުރިހާ ރަށެއްގައި ވެސް މި ބަނދި ނޫނީ ކިޔަވެލިގަނޑު ބޭނުންކުރާގޮތް ހަމަ އެއްގޮތެވެ. މަލާމާތްކޮށް ލަދު ގަންނަވާލުމުގެ ނިޔަތުގައި ރޯދަ ނުހިފާ ކުދިންނާ ދިމާލާށް އެހެން ކުދިން ގޮވާ ބަންޖެއް ކަމެވެ.