ހަބަރު

އަތުލި ބޯޓު ފަރަށް، ފާސްކުރަނީ ފަރުމަތީ ބާއްވައިގެން

މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް އަތުލައިގަތް އީރާންގެ ބޯޓު މާލެ ގެންނަނިކޮށް ވިލިމާލެ ކައިރީ އޮތް ފަރަކަށް އަރައިފި އެވެ.

ފުލުހުން ބުނީ، ސިފައިންނާއި ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި އަތުލައިގަތް އީރާންގެ ބޯޓު މާލެ ބަނދަރަށް ގެންނަނިކޮށ،ް ވިލިމާލެ ކައިރީގައި އޮންނަ ފަރަކަށް އެރުމާއި ގުޅިގެން ބޯޓު ފުން ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެބޯޓު ބަލާ ފާސް ކުރުމުގެ މަސައްކަތްވެސް ކުރަމުންދަނީ ފަރުމަތީގައި ކަަމަށެވެ. އަދި އެ މަސައްކަތް ހިނގާ ނުހިގާގޮތް ބެލުމަށް އެ ސަރަހައްދަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި، ފުލުހުންނާއި، ކޯސްޓްގާޑްގެ ސީނިއާ އޮފިސަރުން ވަޑައިގެންނެވި ކަމަށެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ހަވާލާދީ ފުލުހުން ބުނީ، މިހާތަނަށް އެ ބޯޓް ބަލާ ފާސް ކުރުމުގެ ތެރޭ ގާތްގަނޑަކަށް 50 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެބޯޓުގައި މަސްތުވާތަކެތި ފޮރުވާފައިހުރީ، ކޮމްޕާޓްމަންޓްތަކުގައި އިތުރު ފައިބާލެޔާތައް އަޅައިގެން ނުފެންނަ ގޮތަށް ކަމަށެވެ.

މީގެ އިތުރުން އެބޯޓުން އަތުލައިގަތް ހަތް މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެބޯޓު އަތުލައިގެންފައިވަނީ ބ. އަތޮޅުގެ ހުޅަނގު ފަޅިން 126 މޭލު ބޭރުންނެވެ.

އީރާންގެ މި ބޯޓް ހިފެހެއްޓި އިރު މާޗް 12، 2014 ވަނަ އަހަރު ވެސް ކަނޑުމަގުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިރާންގެ ބޯޓެއް ހިފެހެއްޓި އެވެ. އެފަހަރު އިރާނުގެ މަސްބޯޓުން ގެނައި 24 ކިލޯގެ ޑްރަގު ފޮރުވާފައި ހުރީ ބޯޓުގެ ޑިންގީއެއްގެ ތެރޭގަ އެވެ. އެ މައްސަލާގައި ދިވެހިން ހިމެނެ އެވެ. ހަރްމޯޒް ނަމަކަށް ކިޔާ އެ ބޯޓްވެސް އަތުލީ ބ. އަތޮޅާއި އއ. އަތޮޅާ ދެމެދުންނެވެ.