މޯލްޑިވްސް ޕޮލިސް ސާވިސް

މީހަކު ރަހީނުކުރި މައްސަލައިގައި ފަޒީލް ހައްޔަރުކޮށްފި

ލ. ފޮނަދޫން ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު އައިމިނަތު ޝިމާ ނާފިޒާއެކު ދަތުރުގައި ބައިވެރިވި މުހައްމަދު ފަޒީލް، އެ އަތޮޅު ގަމުގައި މީހަކު ރަހީނުކޮށް ފޭރެން އުޅުނު މައްސަލައިގައި ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ފަޒީލް ހައްޔަރު ކޮށްފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ލ. ގަމުގައި 44 އަހަރުގެ މީހަކު ރަހީނު ކުރުމަށްފަހު، އޭނާގެ އަތުން 8،900 ރުފިޔަ ފޭރިގަނެ ދޫކޮށްލުމަށްފަހު އަނެއްކާވެސް ކުރިން ރަހީނު ކުރި މީހާއަށް ބިރު ދައްކައިގެން ފައިސާ ފޭރުމަށްފަހު ފިލައިގެން އުޅެނިކޮށް ހުޅމާލެއިންނެވެ. އޭނާއާއެކު އިތުރު ތިން މީހަކުވެސް ހައްޔަރު ކުރި އެވެ.

ފުލުހުން ބުނިގޮތުގައި 44 އަހަރުގެ މީހާ އަތުން ފޭރުމަށް ފަހު އެ މީހާ ދޫކޮށްލީ، އިތުރަށް ފައިސާ ދޭން އެއްބަސް ކުރުވުމަށް ފަހު އެވެ.

ފަޒީލް ވަނީ މީގެ ކުރިން އޭނާ އާއިއެކު ދަތުރުކުރަނިކޮށް ޑިންގީ ބަންޑުން ޖަހާލުމާއި ގުޅިގެން ގެއްލުނު ޝިމާގެ ކޮއްކޮވެސް ރަހީނު ކޮށްފަ އެވެ. އެ ދުވަހު ފަޒީލް ހައްޔަރުކޮށްފައިވަނީ ޝިމާގެ ކޮއްކޮ ގޮވައިގެން އިތުރު ބަޔަކާއެކު ޑިންގީއެއްގައި ދަނިކޮށް ކަނޑުމަތިން ފުލުހުންނެވެ.