ހަބަރު

ތިން އަހަރު ފަހުން ބަންގާޅު ލޭބަރުންގެ އެއްބަސްވުން އާ ކުރަނީ

May 8, 2019
5

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ހައްގުތައް ހިމާޔަތްކޮށްދޭން ދެ ގައުމުގެ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ހަމަވިތާ ގާތްގަނޑަކަށް ތިން އަހަރު ފަހުން، އެ އެއްބަސްވުން އާ ކުރަން ބަންގްލަދޭޝް ސަރުކާރުން ނިންމައިފި އެވެ.

ބަންގްލަދޭޝްގެ ކަމާބެހޭ އޮފިޝަލަކާއި ހަވާލާދީ އެގައުމުގެ ނޫހަކުން ބުނި ގޮތުގައި، އެ އެއްބަސްވުން އާ ކުރަން ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެ އެއްބަސްވުމަށް ބޮޑެތި ބަދަލުތައް ހުށަހަޅާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، 2011 ވަނަ އަހަރު އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމެވެ. ތިން އަހަރުގެ މުއްދަތަށް ސޮއި ކުރެވުނު އެ އެއްބަސްވުން ހަމަވެފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހު އެވެ.

ވެލްފެއާ އެންޑް އޮވާސީސް އެމްޕްލޯއިމަންޓް މިނިސްޓްރީގެ އޮފިޝަލު އިތުރަށް ވިދާޅުވި ގޮތުގައި، ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް ދިޔުމުގައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފިޔަވަޅުތަކެއް ހިމަނައިގެން ދެވަނަ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މަޝްވަރާކުރުމަށް ކަމާގުޅޭ މިނިސްޓްރީތައް ގުޅިގެން ބޭއްވި ބައްދަލުވުމުގައި، ރާއްޖެއަށް މަސައްކަތު މީހުން ފޮނުވާ އެޖެންސީތަކުން މިފަހަކަށް އައިސް މީހުން ފޮނުވަނީ ވިޒިޓް ވިސާގައި ކަން ވަނީ ފާހަގަކޮށްފަ އެވެ. އެކަން އެގޮތަށް މެދުވެރިވުމުގެ ސަބަބުން އެމީހުން އެތެރެވާއިރު ވެސް ގަވައިދާ ހިލާފުވާކަމަށް ބުނެ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ހަރުދަނާ ސިސްޓަމެއްގެ ތެރެއިން ރާއްޖެ ދިޔުމުގެ ކުރިން ޕޮލިސް ކްލިއަރަންސް ނަގަންޖެހޭ ގޮތް ހެދުން އެ ބައްދަލުވުމުގައި ހުށަހެޅުނެވެ. އަދި ރާއްޖެއަށް މަސައްކަތް ކުރަންދާން ބޭނުންވާ މީހުންނަށް ރާއްޖޭގައި ބަންގްލަދޭޝް މީހުންނަށް ކުރިމަތިވާ ނިކަމެތި ހާލު އޮޅުންފިލުވައިދޭންޖެހޭކަމަށް ވެސް އެއް އޮފިޝަލު ހުށަހެޅުއްވިކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އެ އެއްބަސްވުން އާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖޭގައި ވަޒީފާތައް މަދުވެފައިވާކަމަށް ބުނެ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެއަށް ނައުމަށް އެ ގައުމުން މިދިއަ ފެބްރުއަރީ މަހު ވަނީ އިލްތިމާސްކޮށްފަ އެވެ.

ވޯކް ވިސާގައި 144،607 ބިދޭސީން ރާއްޖެ ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން 63،000 ބިދޭސީން ގަވައިދާ ހިލާފަށް އުޅެމުންދާކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ރާއްޖެއަށް ބިދޭސީއިން އެތެރެ ކުރުމުގެ ކަންކަން އިމިގްރޭޝަން އަތުން ނަގައި، އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.

އެ ބަދަލު ގެނައީ ލޭބަ އެންޑް އެންޕްލޯއިމެންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.