ދުނިޔެ

ކުއްލި ގޮތަކަށް އެމެރިކާގެ ހާރިޖީ ވަޒީރު އިރާގަށް

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ޝެޑިއުލް ކޮށްފައިނުވާ ކުއްލި ދަތުރުފުޅެއްގައި އިރާގަށް ވަޑައިގެންފި އެވެ.

ޖަރުމަނު ވިލާތަށް ކުރައްވަން ނިންމާފައިވާ ރަސްމީ ދަތުރުފުޅެއް ކެންސަލް ކުރެއްވުމަށް ފަހު ޕޮމްޕިއޯ އިރާގަށް އިއްޔެ ކުރެއްވި ފެއްޓެވި ނުރަސްމީ ދަތުރުފުޅުގައި އިރާގު ރައީސް ބަރްހާމް ސޯލިހްގެ އިތުރުން ބޮޑުވަޒީރު އާދިލް އަބްދު އަލް މަހްދީ އާއި ބައްދަލު ކުރައްވާފައިވާ ކަމަށް އިރާގުގެ ފޮރިން މިނިސްޓަރު މުހައްމަދު އަލީ އަލް ހާކިމް ކުރައްވާފައިވާ ޓްވީޓެއްގައި ވެއެވެ.

އިރާގުގެ ވެރިރަށް ބަޣުދާދުގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާމެދު ވާހަކަ ދަައްކަވައި މަޝްވަރާ ކުރެއްވެވި އެވެ. އަދި ސަރަހައްދީ ސަލާމަތްތެރިކަން ވަރުގަދަކޮށް ޓެރަރިޒަމާއި އިދިކޮޅަށް ހަނގުރާމަ ކުރަން މަގު ފަހިވާނޭ ކަންކަމުގެ މަޝްވަރާތައް ކުރެއްވި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި އިރާނާއެކު މުއާމަލާތްތަށް ކުރާ ގައުމުތަކަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި އިރާގު ހިމަނާފައި ނުވާ ސަބަބާމެދު ވެސް އެބޭފުޅުން ވާހަކަ ދެއްކެވި އެވެ.

ޕޮމްޕިއޯ މި ދަތުރުފުޅު ކުރައްވާފައި މިވަނީ އެމެރިކާއިން އިރާނަކީ މެދުއިރުމަތީގައި ބޮޑުވަމުންދާ ނުރައްކަލެއް ކަމަށް ބުނެ އެމެރިކާގެ ކަނޑުމަތީ މަނަވަރެއް އިރާނަށް "އޮޅުން ފިލާވަރުގެ މެސެޖެއް ދިނުމަށް" ފޮނުވިތާ ދެދުވަސް ވެސް ނުވަނީހެވެ.