މާލޭ ސިޓީ

ހަތަރު ފުރޮޅުލީ އުޅަނދުގެ ޕާކިން ޒޯނެއް ހަދަން ފަށައިފި

ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކް ކުރަން ހާއްސަ ޕާކިން ޒޯނެއްގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީ ގުޅިގެން ފަށައިފި އެވެ.

މި ޕާކިން ޒޯނު ހަދަނީ ތީމުގޭގެ ކުރިމަތީން ތަޅާލާފައިވާ އޮންނަ މާފަންނުއާގޭގެ ބިމުގަ އެވެ. މީގެ ކުރިން މާފަންނުއާގެ ބައެއް ވަނީ އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ސަލާމަތީ ސަބަބުތަކަށްޓަކައި ދައުލަތަށް ނަގައިފަ އެވެ. މާފަންނުއާގެ ބިމުގައި 22،000 އަކަފޫޓް ހުރެ އެވެ. އޭގެ ތެރެއިން ދައުލަތަށް ނަގައިފައިވަނީ 12،000 އަކަފޫޓެވެ.

އެ ބިމުގައި މިހާރު ކުރަމުންދާ މަސައްކަތަކީ އުޅަނދު ޕާކް ކުރާނެ ޖާގަ ކަނޑައެޅުމުގެ ގޮތުން ލައިން ކުރެހުމުގެ މަސައްކަތެވެ. އަދި ޕާކިން ޒޯނުގެ މަސައްކަތް ނިންމާ ވަރަށް އަވަހަށް އެތަން ހުޅުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ، އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހަދަނީ ބާޒަރު މައްޗަށް ލުޔެއް ގެންނަން ވެގެން ކަމަށެވެ.

ޝިފާ އިތުރަށް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ވިސްނުމަކީ ހުސް ބިންތަކާއި ފަޅު ގެތަށް ޕާކިން ޒޯނަކަށް ތަރައްގީ ކުރުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މާފަންނުއާގެ ގޭގައި ހަދަމުންދާ ޕާކިން ޒޯނުން ފައިސާ ދީގެން ޕާކްކުރެވޭ ތަނެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މަޝްވަރާތައް މިހާރު ކުރައްވަމުންގެންދާ ކަމަށެވެ.