ގަތަރުގެ މައްސަލާގައި ސައުދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި މިސްރުން ގެންގުޅުއްވާ ވިސްނުމަށް ތާއިދު ކުރައްވާކަމަށް ބަހްރޭންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލްޚަލީފާ ވިދާޅުވެއްޖެ އެވެ.
ބަހްރޭންގެ ރަސްގެފާނު މިމޭރުމުން ވިދާޅުވީ މި ރަމަޟާން މަހު އެގައުމުގެ އިސް އޮފިޝަލުންނާއި ޑިޕްލޮމެޓުންނާއެކު އަލްސާޚިރް ގަނޑުވަރުކޮޅުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ގަތަރުން ޓެރަރިޒަމް ފަންޑުކޮށް ޓެރަރިޒަމަށް ތާއީދު ކުރުން ހުއްޓާލާ މިފަދަ ކަންކަމާމެދު ވެފައިވާ އެއްބަސްވުންތަކަށް އިހްތިރާމްކުރަން އަލްޚަލީފާ ވަނީ ގަތަރަށް ގޮވާލާފަ އެވެ.
ސައުދީ އަރަބިއްޔާއާއި ޔޫއޭއީއާއި މިސްރާއެކު ބަހްރޭން ހިމެނޭ އަރަބި ކުއާޓެޓް އިން 2017 ގައި ގަތަރު ބޯއިކޮޓް ކޮށްފައިވަނީ އެ ގައުމުން ޓެރަރިޒަމްއަށް ހިއްވަރުދޭ ކަމަށް ތުހުމަތު ކޮށްފަ އެވެ.
ގަތަރުން އެ ތުހުމަތުތައް ވަނީ ދޮގުކޮށްފަ އެވެ. އަދި އަރަބި ކުއާޓެޓުން ގަތަރާއި އަލުން ގުޅުން ބަދަހިކުރަން ހުށަހެޅި ތޭރަ ޝަރުތުތަކަށް ގަތަރުން ވަނީ ފާޅުގައި އިންކާރުކޮށްފަ އެވެ.
ކުވޭތުން އެ ގައުމުތަކުގެ ދެމެދުގެ ކޯޅުންތައް ހައްލުކުރަން މަސައްކަތް ކުރަމުން ދާއިރު ގަތަރާއި އިދިކޮޅު ގައުމުތަކުން ބުނަމުން ދަނީ އެފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ގަތަރުން ފާޑުކިޔާ ކަމަށެވެ.