މިނިސްޓްރީ އޮފް ހެލްތު

ބިދޭސީންގެ ބަދަލުގައި ދިވެހިން ނަރުހުން ހޯދަނީ

އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދަން ހެލްތް މިނިސްޓްރީން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

ހެލްތް މިނިސްޓްރީން ބުނީ ބިދޭސީ ނަރުހުންގެ ބަދަލުގައި ބޭނުންވަނީ 687 ދިވެހި ނަރުހުން ކަމަށެވެ. މިއަދު ކުރި އެ އިއުލާނުގައި ބުނެފަ ވަނީ ރެޖިސްޓާޑް ނަރުހެއްގެ އަސާސީ މުސާރައަކީ 9،610 ރުފިޔާ ކަމަށެވެ.

ނާސިންގެ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ ނަރުހެއްނަމަ އަސާސީ މުސާރައަކީ 9060 ރުފިޔާ ކަމަށް ވެސް ހެލްތުން ބުންޏެވެ.

އަދި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާސިން ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ ތެރެއިން ސަނަދެއް ހާސިލްކޮށްފައިވާ ނަރުހެއްގެ އަސާސީ މުސާރައަކީ 9،360 އާއި 9،670 ރުފިޔާ ދެމެދުގެ މުސާރަ އެއް ކަމަށެވެ.

މީގެ އިތުރުން ސީނިއާ ރަޖިސްޓާޑް ނަރުހަކަށް އަސާސީ މުސާރައިގެ ގޮތުގައި 9،920 އިން ފެށިގެން 10,160 ދެމެދުގެ މުސާރައެއް ލިބިގެންދާއިރު، ކްލިނިކަލް ނަރުހަކަށް މަހަކު 10,660 އާއި 10,940 ރުފިޔާގެ މުސާރައެއް ލިބޭނެ އެވެ.

އަތޮޅުތަކު ތެރޭ ސިއްހީ ހިދުމަތް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. ރަށްރަށުގެ ސިއްހީ ހިދުމަތް ކުރި އެރުވުމަށް މިހާރުވެސް ސަރުކާރުން ދަނީ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި މަސައްކުރުމަށް 633 ނަރުހުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެއަށްވުރެ ކުރިން ގިނަ އަދަދެއްގެ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ދާދި ފަހަކުން ވަނީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ބޭނުންކުރަން އެމްބިއުލާންސް ހޯދަންވެސް އިއުލާންކޮށްފަ އެވެ.