ތިމަރަފުށި

ސީޒަން ހުޅުވަން ތިމަރަފުށި ދޫކޮށްލި ފުރުސަތު ފޯކައިދުއަށް

ދިވެހި ލީގް ޗެމްޕިއަން ޓީމާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމު ބައްދަލު ކުރާ ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑްގެ މެޗުގެ ފުރުސަތު، ތ. ތިމަރަފުށިން ދޫކޮށްލުމުން، އެ ފުރުސަތު ރަނަރަފު ށ. ފޯކައިދުއަށް އެފްއޭއެމުން ދީފި އެވެ.

މި އަހަރު ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން، ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަން، ޓީސީ ސްޕޯޓްސް ކުލަބު އަދި މިނިވަން ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ތ. ތިމަރަފުށި ކުޅޭ ގޮތަށް އެފްއޭއެމުން ހަމަޖެއްސީ މިދިޔަ އަހަރު އެވެ. އޭރު އެގޮތަށް ހަމަޖެއްސިއިރު، ތިމަރަފުށީގައި ކުޅެން ޖެހޭނެ ކަން އެނގެ އެވެ. ތިމަރަފުއްޓާ ދެކޮޅަށް ނިކުންނަ ކުލަބަކީ ޓީސީކަން ކަށަވަރުވީ ދިވެހި ޕްރިމިއާ ލީގަށް ފަހު އެވެ.

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި، ތިމަރަފުށި ވާދަ ކުރިއިރު، އެ ޓީމަށް މާލީ މައްސަލަތައް ކުރިމަތިވި އެވެ. އެއީ ކުލަބުތަކަށް ސަރުކާރު ކުންފުނިތަކުން ދޭން ހަމަޖެހުނު ފައިސާގެ އެހީގެ ދަށުން ތިމަރަފުށީ ޓީމަށް ފައިސާ ދޭން ހަމަޖެހުނު މިފްކޯއިން ފައިސާ ފޯރުކޮށް ނުދިނުމުންނެވެ. ދިވެހި ލީގް ފުރަތަމަ ބުރަށް ފަހު އެ ޓީމުން މުބާރާތް ނިންމާފައި ދިޔައިރުވެސް އެ ފައިސާ ނުލިބެ އެވެ.

އެފްއޭއެމްގެ އޮފިޝަލަކު ބުނީ، ސީޒަން ހުޅުވާ މެޗަށް، ތިމަރަފުށީ ތައްޔާރު ނުވެވޭކަން، އެ ކުލަބުން އަންގާފައިވާ ކަމަށެވެ. އެހެންވެ އެ ޓީމުގެ ބަދަލުގައި މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަފު ފޯކައިދުއަށް އެފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

ސީޒަން ހުޅުވާ މެޗުގައި ދެ ލެގް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެއް ލެގް މާލޭގައި ކުޅުމަށް ފަހު، އަނެއް ލެގް ކުޅޭނީ ފޯކައިދޫގަ އެވެ. އޮފިޝަލް ވިދާޅުވީ ފުރަތަމަ ލެގް ކުޅޭނެ ރަށެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން އަންނަ މަހު ފަށަން ނިންމައި، އެފްއޭއެމުން ވަނީ ކަލަންޑަރު އާންމުކޮށްފަ އެވެ. ކަލަންޑަރުގައިވާ ގޮތުން ސީޒަން ހުޅުވަން ހަމަޖެހިފައި ވަނީ، އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑްގެ ދެ ވަނަ ލެގް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.