މާލޭ ހުކުރު މިސްކިތް

އޯއިސީގެ ފިކުރީ ގޮފީގެ ހުރިހާ ޕޭޖެއްގައި މިއަދު އިނީ ހުކުރު މިސްކިތް

May 10, 2019
1

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ވޮއިސް އޮފް ވިސްޑޮމްގެ ނުވަތަ އޯއައިސީގެ ފިކުރީ ގޮފީގެ ހުރިހާ ސޯސަލްމީޑިއާ ޕޭޖްތަކެގައި މާލޭގެ ހުކުރު މިސްކިތުގެ ފޮޓޯ އެ މިސްކިތާބެހޭ މައުލޫމާތު ހިމަނައި މިއަދު ދުނިޔެއާ ހިއްސާކޮށްފި އެވެ.

އޯއައިސީގެ ފިކުރީ ގޮފީ ސޯސަލް މީޑިއާ ޕޭޖްތަކަކީ އެއިން ކޮންމެ ޕޭޖެއްގައި މިލިއަނަކާ ގާތް ކުރާ އަދަދަކަށް މީހުން ބައިވެރިވާ ޕޭޖްތަކެވެ. އެ ޕޭޖްތަކުގައި ކޮންމެ ހުކުރު ދުވަހަކު ވެސް އެކި ގައުމުތަކުން މުސްލިމުންގެ ކޮންމެވެސް މުހިންމު ތަނެއް ހިމަނައި މައުލޫމާތު ހިއްސާ ކުރެ އެވެ. އެގޮތުން މި ހުކުރުގައި އެ ގޮފީގެ ހުރިހާ ޕޭޖްތަކެއްގައި ހިމަނާފައި ވަނީ މާލޭގެ ހުކުރު މިސްކިތުގެ ފޮޓޯތަކާއި އެ މިސްކިތުގެ މައުލޫމާތެވެ.

އޯއައިސީގެ ފިކުރީ ގޮފީގެ އިސްވެރިޔާއަކީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ އަދި ކުރީގެ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެ މަގާމުގެ އިތުރުން އެ މަނިކުފާނަކީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ ހާއްސަ އެޑްވައިޒަރު ވެސް މެއެވެ.

ޝަހީމް އިސްވެ ހިންގަވާ ފިކުރީ ގޮފީން މިއަދު މުޅި ދުނިޔެއަށް މައުލޫމާތު ހިއްސާކުރި މާލޭގެ ހުކުރު މިސްކިތް ބިނާކޮށް ނިންމެވީ، އައް ސުލްތާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގައި މީލާދީން 1656 ވަނަ އަހަރުގެ ތެރޭގަ އެވެ. ހުކުރު މިސްކިތުގެ މުންނާރު ބިނާ ކުރެއްވީ ވެސް ހަމަ އެ ރަދުންގެ ރަސްކަމުގައި މީލާދީން 1675 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މިސްކިތް ވަނީ ޔުނެސްކޯ ވަގުތީ ހެރިޓޭޖް ލިސްޓްގައި ހިމަނާފަ އެވެ.