ދުނިޔެ

އުތުރުގެ މިސައިލް ޓެސްޓުން އިތުބާރެއް ނުގެއްލޭ: ޓްރަމްޕް

އުތުރު ކޮރެއާއިން އެންމެ ފަހުން ކޮށްފައިވާ މިސައިލް ޓެސްޓްތަކުގެ ސަބަބުން އެ ގައުމަށް އޮތް އިތުބާރު ގެއްލިގެން ނުދާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް ވިދާޅުވެއްޖެ އެވެ.

"އެއީ ކައިރި ރާސްތާއަށް ދަތުރުކުރާ ވަރަށް އާދައިގެ މިސައިލްތަކެއް އަދި އެއީ އުތުރު ކޮރެއާއަށް އޮތް އިތުބާރު ގެއްލޭވަރު ކަމެއް ނޫން. ފަހަރެއްގައި ކުރިއަށް އޮތް ތަނުގައި އިތުބާރު ގެއްލިދާނެ އެކަމަކު އަދި އިތުބާރު އެބަ އޮތް"، ޕޮލިޓިކޯ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

އުތުރު ކޮރެއާއިން އެހެން ގައުމުތަކާއި އޮންނަ ގުޅުން ރަނގަޅު ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން 2017 ގެ ނޮވެމްބަރު މަހު އެ ބާވަތުގެ ހަތިޔާރު ޓެސްޓު ކުރުން ވަނީ ހުއްޓާލާފަ އެވެ. އަދި ދުރު ރާސްތާއަށް ދަތުރުކުރާ މިސްއިލާއި ނިއުކްލިއާ ހަތިޔާރު ޓެސްޓުކުރުން ހުއްޓާލައިފިކަމަށް ވެސް އެ ގައުމުން މިދިޔަ އަހަރު ބުނެފައި ވެއެވެ.

ނަމަވެސް އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހު ދެ މިސައިލް ވަނީ ޓެސްޓް ކޮށްފަ އެވެ.

އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް-އުން އާއި ގާތް ގުޅުމެއް އޮންނަ ކަމަށް ބުނަމުންދާ އެމެރިކާގެ ރައީސް ޓަރަމްޕް މިހާރު ވިދާޅުވަނީ ކިމްއާއި ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި ހީނަރުވެގެން ހިނގައިދާނެ ކަމަށެވެ.

އެމެރިކާއާއި އުތުރު ކޮރެއާގެ ދެމެދުގައި ނިއުކްލިއާ މަޝްވަރާ ކުރުމަށް އެންމެ ފަހުން ހަނޯއީގައި ބޭއްވި ސަމިޓުގައި އެ މައްސަލައަށް ހައްލެއް ނުލިބި ވަނީ ނިންމާލާފަ އެވެ. އެ ސަމިޓަށް ފަހު ކިމް ބުނަމުން ދަނީ ޓްރަމްޕް މަޝްވަރާތައް ކުރުމުގައި އެއްވެސް ފަދަ އިޚްލާސްތެރިކަމެއް ނުބާއްވާ ކަމަށެވެ.