ދުނިޔެ

އެމެރިކާ ޗައިނާގެ ވިޔަފާރި ހަނގުރާމަ ހޫނުވަނީ

އެމެރިކާ އާއި ޗައިނާއިން ކުރަމުންދާ ވިޔަފާރީގެ ހަމަލާއަށް ހައްލެއް ލިބި އެ ދެގައުމުން އެއްބަސްވުމަކާއި ހަމައަށް ދިއުމަށް ގާތްވެފައިވާކަމަށް ދުނިޔެއިން އުންމީދު ކުރަމުންއައި ދަނޑިވަޅެއްގައި މައްސަލަ އަނެއްކާ ވެސް ގޮސްވެއްޖެ އެވެ

އެމެރިކާއަށް އެތެރެކުރާ ޗައިނާގެ 200 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޑިއުޓީ 10 ޕަސެންޓުން 25 ޕަސެންޓައް ބޮޑު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެއި ހަވަނަ ދުވަހު ވަނީ އިންޒާރު ކުރައްވާފެ އެވެ.

އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ދެގައުމުން ބޮޑުކުރަމުން އައިސް އެކަން 90 ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް އެއްބަސްވެފައި ވަނީ، މިދިއަ ޖެނުއަރީ މަހު އާޖެންޓިނާގައި ބޭއްވުނު ޖީ20 ސަމިޓުގެ ހަވާސާގައި، ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބޭއްވި ބައްދަލުވުމެއްގަ އެވެ.

ނަމަވެސް ޓްރަމްޕް ކުރެއްވި އިންޒާރަށް މިހާރު އަމަލު ކުރަން ފަށާފައިވާއިރު ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސޯދުގެ ދެމެދުގައި އޮތް ހިތްހަމަނުޖެހުން ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ދުނިޔޭގެ ހިއްސާގެ ބާޒާރަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުން އައި ދެ ގައުމުގެ ޒުވާބުތައް އަނެއްކާ ވެސް ހޫނުވެގެން ދިއުމުގެ ސަބަބުން ދުނިޔޭގެ އިގްތިސޯދައް އެކަމުގެ ނުބައި އަސަރު ކުރާނެކަމަށް ހިއްސާގެ ބާޒާރު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިއްޔެ ޗައިނާގެ ވެރިކަންކުރާ ރަށް ބެއިޖިންގްގެ އޮފިޝަލުން އެމެރިކާއިން ކަންތަށް ކުރަމުންދާ ގޮތާމެދު ހިތާމަ ފާޅުކުރާކަމަށާއި އެކަމުގެ ރައްދު ދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ރައްދުގައި ބެއިޖިންގުން އަޅާނީ ކޮންކަހަލަ ފިޔަވަޅެއްކަން އެފަރާތުން ހާމަކޮށްފައެެއް ނުވެއެވެ.

މިދިއަ ޖުލައި މަހުޗައިނާއިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުންއެމެރިކާ އިން 25 ޕަސަންޓަށް ޓެކްސް ވަނީ ބޮޑުކޮށްފަ އެވެ. އޭގެ ފަހުން އިތުރު 16 ބިލިއަން ޑޮލަރުގެ މުދަލުން ވެސް ވަނީ ޓެކްސް ބޮޑުކޮށްފަ އެވެ.

ބަދަލުގައި ޗައިނާއިން ވެސް އެމެރިކާއިން އެގައުމަށް އެތެރެކުރާ ގިނަ އަދަދަކަށް ދަނޑުވެރިކަމަުގެ ބާވަތްތަށް ހިމެނޭ 110 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ބޮޑުކޮށްފައި ވެއެވެ. ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ޗައިނާއިން ޑިއުޓީ އަގުބޮޑު ކުރާނެ އިތުރު މާގިނަ މުދާތަކެއް ނުހުންނާނެ އެވެ.

ބެއިޖިންގުން އެމެރިކާއާއި މެދު އަޅާނެ ވަކި ފިޔަވަޅެއް ހާމަކޮށްފައި ނުވުމުން އެކަމުން ޗައިނާއިން އެއްބަސްވުމަކާއި ހަމައަށް ދިއުމަށް އުންމީދު ކުރާކަން ހާމަވާކަމަށް ވެސް އެފަރާތްތަކުން ބުނެ އެވެ.