ދުނިޔެ

ހޫތީ ހަނގުރާމަވެރިން ބަނދަރުތަކުން ބޭރުވާން އެއްބަސްވެއްޖެ

އީރާނުގެ މަދަދާއެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭ ރަތްކަނޑުގެ ތިން ބަނދަރު ހިމެނޭ ސަރަހައްދުން އެ މީހުންގެ ހަނގުރާމަވެރިން ބޭރު ކުރަން އެއްބަސް ވެއްޖެ ކަމަށް އދ. އިން ބުނެފި އެވެ.

ހޫތީ ހަނގުރާމަވެރިން އެ ސަރަހައްދުތަކުން ނުކުތުމުން ބަނޑުހައިހޫނުކަން މަތީގައި ކާބޯތަކެއްޗަށް އިންތިހާއަށް ބޭނުންވެފައި ތިބި ޔަމަނުގެ އެތައް މިލިއަން ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. އަށާއި އެހެނިހެން ފަރާތްތަކަށް މަގު ފަހިވެގެން ދާނެ އެވެ.

ހޫތީ ހަނގުރާމަވެރިން އެއްބަސްވެފައިވާ ގޮތުގެ މަތިން ހުދޭދާއާއި ސަލީފް އާއި ރަސްއީސާގެ ބަނދަރުން މި މަހުގެ 11 އިން 14 އަށް އެމީހުންގެ ހަނގުރާމަވެރިން ނެރޭނެ އެވެ.

އެއްބަސްވެފައިވާ ގޮތަށް ޔަމަނު ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާ އަސްކަރިއްޔާއިން ވެސް އެ ސަރަހައްދުތަކުން ބޭރުވާން ޖެހޭނެ އެވެ. ކުރިއަށް އޮތްތަނުގައި ދެ ފަރާތުން ވެސް މަޑުމަޑުން މި ސަރަހައްދުތައް ދޫކުރަން ޖެހޭނެ ކަމަށް ރިޑިޕްލޯއިމަންޓް ކޯޑިނޭޝަން ކޮމިޓީން ވެސް ވަނީ ބުނެފަ އެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ފަހުން އެއްބަސްވެފައިވާ އެންމެ ރަނގަޅު އެއްބަސްވުން ކަމަށް އދ. ގެ އެ ކޮމިޓީއިން ބުނި ނަމަވެސް ޔަމަނު ސަރުކާރާއި އިއްތިހާދުވެފައިވާ ސައުދީ އާއި ޔޫއޭއީގެ ސިފައިން އެ ސަރަހައްދުން ބޭރުކުރިކަން ރިޕޯޓުތަކުން އަދި އެނގިފައެއް ނުވެއެވެ.

ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި ހޫތީ ހަނގުރާމަވެރިން ހުދޭދާގެ މައި ބަނދަރު ބޭނުން ކުރަނީ އިރާނުން ފޮނުވާ ވަގު ހަތިޔާރުތައް އެތެރެ ކުރާށެވެ. ނަމަވެސް ހޫތީ އެކަން ދޮގުކޮށް އިންކާރު ކުރެ އެވެ.