ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓްގެ މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް އަމާޒުވި ރިޝްވަތުގެ ތުހުމަތުތައް މިއަދު އެމަނިކުފާނު ދޮގު ކުރައްވައިފި އެވެ.
ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން މިފަހުން ކުރި ހުކުމްގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމީ މައުޟޫއީ ގޮތެއްގައި ބެލުމަށްފަހުއެއް ނޫނެވެ. މައްސަލަ ނިންމީ އިޖުރާއީ ނުކުތާއެއްގެ މައްޗަށެވެ.
އެ ހުކުމް އިއްވުމުގެ ކުރިން އެ މައްސަލަ ކޯޓުން ބޭރުން ނިންމަން ބޭނުންވާ ކަމަށް ވިދާޅުވެ ބަންޑާރަ ނައިބު ރިފްއަތު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ކޯޓުން ބޭރުން މައްސަލަ ނިންމަން އުޅުނީ ކޮރަޕްޝަން ހިންގަން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ދީބާޖާގެ ފަރާތުން ވަކާލާތުކުރި ލޯ ފާމްގެ ހިއްސާ އޮންނަ އަލްހާން ފަހުމީ ވަނީ އެ ކުންފުނީގެ އަތުން ދެ މިލިއަން ޑޮލަރުގެ ރިޝްވަތަށް ރިފްއަތު އެދިވަޑައިގެންނެވި ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތު ކުރައްވާފަ އެވެ. އޭނާ އެ ތުހުމަތު ކުރެއްވިއިރު އޭނާގެ ލޯފާމަށް ދީބާޖާއިން 174 މިލިއަން ރުފިޔާ ދޭން ޖެހޭކަން ވެސް ސޯޝަލް މީޑިއާގައި އާންމުވި އެއްބަސްވުމަކުން ވަނީ ހާމަވެފަ އެވެ. އެއީ އެ ކޭސް ކާމިޔާބުވެއްޖެނަމަ، ސަކްސެސް ފީއެއްގެ ގޮތުގަ އެވެ.
ރިޝްވަތުގެ ތުހުމަތުތަކާ ގުޅިގެން ބަންޑާރަ ނައިބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގައިގެން އެއްވެސް ފައިދާއެއް ހޯދާފައިނުވާނެ ކަމަށެވެ. މަގާމާ ހަވާލުވުމުގެ ކުރިން އެމަނިކުފާނުގެ ލޯފާމްގެ މަސައްކަތް ދޫކޮށްލެއްވީ ވެސް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް އަމާޒުކުރާ ކޮރަޕްޝަންގެ ތުހުމަތަކީ ދޮގެއް، ރައްޔިތުންގެ ހަޒާނާ އަޅުގަނޑު ކޮރަޕްޝަނުން ސަލާމަތް ކުރާނަން،" ރިފްއަތު ވިދާޅުވެފައިވެ އެވެ.
ދީބާޖާ މައްސަލަ ބޮޑުވުމުން މިހާރު ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ އެ މައްސަލަ އަލުން ރިވިއުކޮށް ދޭން ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވަން ނިންމަވާފަ އެވެ.
ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭންޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.
އެއްބަސްވުން ބާތިލްކުރީ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ބެލެމަށްފަހު އެއީ ދައުލަތުން ބަދަލު ދޭން ނުޖެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައެޅި އެވެ. ބޮޑު އަދަދެއްގެ ގެއްލުމުން ދައުލަތް ސަލާމަތްވި އެވެ. އެކަމަކު، އޭގައި އިޖުރާއީ ބޮޑު މައްސަލައެއް ނުކުތެވެ.
ބަންޑާރަ ނައިބުގެ ފަރާތުން ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅީ އެކަމަށް ލިބޭ މުއްދަތު މާބޮޑަށް ވެސް ފަހަނައަޅާ ދިޔަ ފަހުންނެވެ. އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ. --- މިހާރު އެކަމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.
ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015 އިގައެވެ. ނަމަވެސް އިސްތިއުނާފު ކުރުމަށް ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް 12، 2015 އެވެ. ސުޕްރީމް ކޯޓުން ހައިިކޯޓުގެ ހުކުމް ބާތިލްކުރި މައިގަނޑު ސަބަބަކީ އެއީ އެވެ. ދައުލަތަށް އެ ބޮޑު ގެއްލުމުގެ ސަބަބަކީ ކުޑަ އިހުމާލެކެވެ. އޭރުގެ ބަންޑާރަ ނައިބަކީ މުހައްމަދު އަނިލެވެ.