ރޯދަ މަހާ ރޯއްޖާ

އިހުގެ ނޫސް: އެޕޯލޯ 13 ސްޓޭމްޕް އެބޮތްތަ؟

ސިޓީ އުރައެއްގެ ކަނުގައި ހަރުކޮށްލާފަައި ޕޯސްޓްކޮށްލާ ސްޓޭމްޕުތަކަކީ އެއްގައުމުން އަނެއް ގައުމަށް ފޮނުވާލާ ކުޑަ އިސްތިހާރެކެވެ. ގައުމެއްގެ ރީތިކަން ދައްކުވައިދޭކަހަލަ ގޮތަކަށް ސްޓޭމްޕްތައް ޑިޒައިންކޮށް ތުނޑުތުނޑު ލައްވާލާފައި އެ ގައުމެއް ރަމްޒުވާނެ ކަހަލަ ކުރެހުންތަކުން ފުރިހަމަކޮށް ސިޓީތަކުގައި ތަތް ކޮށްފައި ހުރެ އެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފު ކުރި ސިލޯނު ސްޓޭމްްޕްތަކުގައި ދިވެހި ކުލައެއް ނެތަަސް ފަހުން ވިއްކި ސްޓޭމްޕްތައް ވަރަށް ދިވެއްސެވެ.

ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި، އެތަަނުގައި ހުންނަ ތަފާތު ބޮލި ބޮއްޔާއި ރިޔަލު ދޯނިތަކުން ގޮސް ކަނޑުގެ ދިރުންތައް ވެސް މި ސްޓޭމްތަކުގައި އޭރު ކުރަަހާފައި ހުއްޓެވެެ. މި ސްޓޭމްޕްތަކުގެ ރީތިކުލަވަރު ކަމުދިޔައީ ދިވެހިންނަށް އެކަންޏެއް ނޫނެވެ. ބައެއް ދޮށީ އުމުރުގެ މީހުން ބުނާ ގޮތުގައި ރާއްޖޭގެ ސްޓޭމްޕްތަކަކީ ދުނިޔޭގައި ވެސް ރީތި ސްޓޭމްތަކުގެ ގޮތުގައި ފާހަގަ ކުރެވޭ ސްޓޭމްޕުތަކެކެވެ.

އޭގެ ނަތީޖާއަަކަށްވީ އެކި ގައުމުތަކުގެ މީހުން އެއްކުރި "ސްޓޭމްޕް ކަލެކްޝަން"ގައި ރާއްޖޭގެ ސްޓޭމްޕަތައް ހިމެނުމެވެ. ދިވެހިންވެސް ހޮބީ އެއްގެ ގޮތުގައި އެކި ގައުމުތަކުގެ ސްޓޭމްްތައް ބާ ސިޓީ އުރަތަކުން ނައްޓައިގެން، މޮނީޓަރު ފޮތްތަކުގައި ތަތްކޮށް އުޅުނެވެ. އޭރު 10 ރުފިޔާ ފަަސް ރުފިޔާ އަށް ގަނެ، ބޭނުންކޮށްފަައި ހުރި ސްޓޭމްޕުތައް މިހާރު 10،000 ވެސް ވިއްކާލަ އެވެ.

މި ސްޓޭމްްޕުތަކަށް ދިވެހިންގެ ހިތް ޖެހުނު މިންވަރު އިހުގެ ނޫސްތަކުން އެނގެ އެވެ. އާ ސްޓޭމްޕެއް ނެރޭ ނަަމަ އިއުލާން ކުރި ކަން އެނގޭ ހެއްޔެވެ؟ ނޫނީ ހަނދާން އެބަަ ހުރި ހެއްޔެވެ؟ އޭރު ނިކުންނަ ސްޓޭޕްތަކާ ބެހޭ މައުލޫމާތު ޕޯސްޓު އޮފީހުން އިއުލާންކޮށް ނޫހުގައި ޖެހި އެވެ.

މި އިއުލާނަކީ ވެސް އެފަދަ އިއުލާނެކެވެ. އިއުލާނުގައި ވަނީ "27 އޭޕްރީލް 1971 ވަނަ ދުވަހު 09:00 ގައި މަތީގައި އެވާ (އެޕޯލޯ 13) ސްޓޭމްޕް ނިކުންނާނެ އެވެ. މި ސްޓޭމްޕުގެ އަގުތަކަކީ، 5 ލާރި، 20 އަދި 1 ރުފިޔާ އެވެ. ސްޓޭމްޕް ވިއްކުން އޮންނާނީ، ހެނދުނު 9.00ން 12.00 އަށާއި މެންދުރުފަހު 2.00ން 3.00 އަށެވެ. ކެންސަލް ކުރުން އޮންނާނީ މެންދުރުފަހު 2.00ން 4.00 އަށެވެ. ސެޓް ހަމަކޮށް ވިއްކާނީ ހަމަ އެކަނި ނެރޭ ދުވަހު އެވެ". މޫންލައިޓުގައި ޝާއިއު ކުރި އެ އިއުލާނުގައި ވެ އެވެ.

ރާއްޖޭގައި އެދުވަހު ނެރުނު މި ސްޓޭމްޕުގެ ފޮޮޓޯ ގަނޑެއް މިހާރު ފެންނަން ނެތަސް އެ ދައްކަނީ ހަމަ ޔަގީނުންވެސް ދުނިޔޭގެ ޖައްވީ އިދާރާއިން ހަނދަށް ދަތުރުކުރަން އުޅުނު އުޅަނދުގެ ވާހަކަ އެވެ. ސްޓޭމްްޕުގައި އެ ދަތުރުގައި ބައިވެރިވި މީހުން، ޖިމް ލޮވެލް އާއި ޖެކް ސްވިގާޓް އަދި ފްރެޑް ހައިޒްގެ ފޮޓޯގަނޑެއް ޕޯސްޓުން ވިއްކާ އެ ސެޓުގައި ހިމެނޭނެ ކަމަށް ބެލެވެ އެވެ.

ސްޓޭމްޕުތަތްކޮށް ސިޓީ އުރަަ ޕޯސްޓުކުރި ދުވަސްތައް މިހާރު މާޒީ އާއެކު ފޮހެވިގެން ދިޔަސް އޭރު ގެންގުޅުނު އަސްލު ސްޓޭމްޕުތައް ބައެއް މީހުން އަތުގައި ފެންނަން އެބަ ހުއްޓެވެ. ބޮޑެތި ލޮގު ފޮތްތަކާއިި މޮނީޓަރުފޮތްތަކުގައި "މައި ސްޓޭމްޕް ކަލެކްޝަން" ޖަހާ ރަައްކާ ކޮށްފަ އެވެ. އެޕޯލޯ 13ގެ ސްޓޭމްޕު މިއިން ކަލެކްޝަން އެއްގައި އޮތުންވެސް އެކަށީގެން ވެ އެެވެ.