ދުނިޔެ

އިންޑޮނީޝިއާގައި ހާރުކާން ގޮވަން އަސްކަރީ މަތިންދާބޯޓުތައް

May 12, 2019
3

ޖަކާޓާ (އޭޕްރީލް 12) - ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާގައި ރޯދަ މަހު ހާރުކާން މީހުން ހޭލެއްވުމުގެ ޒަމާންވީ ސަގާފަތުގައި ބައިވެރިވާން އެ ގައުމުގެ ވައިގެ ސިފައިން ނިންމައިފި އެވެ.

އިންޑޮނީޝިއާގެ އެއާފޯސް އިން ބުނީ، އަސްކަރީ މަތިންދާބޯޓުތަކުގެ ތަމްރީންތައް މީހުން ހާރުކާން ހޭލަންޖެހޭ ގަޑީގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، ހާރުކާން މީހުން ހޭލެއްވުމުގެ ސަގާފަތުގައި އަހަރެމެން ބައިވެރިވާނީ އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްގެން،" އެއާފޯސްގެ ފަރާތުން ކުރި ޓްވީޓެއްގައި އިއުލާނުކޮށްފައިވެ އެވެ.

އެއާފޯސްގެ އޮފިޝަލަކު މައުލޫމާތުދިން ގޮތުގައި، ހާރުކާންޖެހޭ އެންމެ ފަހު ގަޑީގެ ކުރިން، އެ ތަމްރީނުތައް ހިންގަން ނިންމާފައިވަނީ، ރޯދައަށް ތިބެގެން ޕައިލެޓުންވެސް މަތިންދާބޯޓުތައް ދުއްވުން ރަނގަޅުނޫންކަމަށް ޑޮކްޓަރުންލަފާދީފައިވާތީ ކަމަށެވެ.

ރޯދަ މަހު، ހެނދުނު 10.00 ގެ ފަހުން ރޯދައަށް ތިބޭ ޕައިލެޓުންގެ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ދަށްވާން ފަށާއިރު، މަތިންދާބޯޓުތައް ދުއްވުން ބުއްދިވެރިނޫންކަމަށް ސިއްހީ މާހިރުން ވަނީ ލަފާދީފަ އެވެ. އެގޮތުން، އެހާ ބާރު ސްޕީޑުގައި ދުއްވާ އުޅަނދެއް ދުއްވަން އެންމެ އެކަށީގެންވާ ގަޑިއަކީ އިރުއެރުމުގެ ކުރިންކަމަށްވެސް ޑޮކްޓަރުންވަނީ ބުނެފަ އެވެ.

އެގަޑީގައި ޕައިލެޓުންގެ ތަމްރީނު ހަރަކާތްތައް ކުރިއަށް ގެންދިއުމުން ދެ ބޭނުން ހާސިލްވެގެންދާނެކަމަށް އިންޑޮނިޝިއާގެ އެއާފޯސުން ބުނެފައިވެ އެވެ.

އެ ތަމްރީން އޮޕަރޭޝަންގައި ޖާވާ ސަރަހައްދުގެ ފަސް ސީޓީއެއްގައި މީހުން ދިރިއުޅޭ ހިސާބުތަކުން ބޯޓުތައް ދުއްވާނީ ވަރަށް ތިރިން ކަމަށްވެސް އަސްކަރިއްޔާއިން އިތުރަށް ބުނެފައިވެ އެވެ.

ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާގައި 220 މިލިއަނަށް ވުރެ ގިނަ މުސްލިމުން ދިރިއުޅެ އެވެ.