ހަބަރު

މިއަހަރު ހައްޖަށް މީހުން ގެންދަން ހަ ކުންފުންޏަކަށް ހުއްދަދީފި

މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ 6 ކުންފުންޏަކަށް ދީފި އެވެ.

މިއަހަރު ހައްޖަށް މީހުން ގެންދަން ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަނާއި، ތަޒްކިއާ ޕްރައިވެޓް ލިމިޓާއި، ޒައީމާ ގްރޫޕް ޕަރައިވެޓް ލިމިޓެޑްގެ އިތުރުން، މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑާއި، އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

ފަސް މީހުންގެ މައްޗަށް އެކުލެވޭ އިވެލުއޭޝަން ކޮމިޓީއަކުން އެ ކުންފުނިތަށް ކަނޑައެޅީ އެކަމަށް އެދި ހުށަހެޅު 18 ކުންފުނީގެ ތެރެއިންނެވެ. އޭގެ ތެރެއިން ހަ ކުންފުންޏެއް ޑިސްކޮލިފައި ކޮށްފައިވާއިރު، ބާކީ ތިބި 12 ކުންފުނީގެ ތެރެއިން އެ ކުންފުނިތައް ހޮވާފައިވަނީ ޕޮއިންޓުގެ އުސޫލުންނެވެ.

ރާއްޖެއަށް މިފަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދީން ވަނީ 2000 ކޯޓާ ދޭނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ހަމަޖެހިފައިވަނީ 1000 ކޯޓާއެވެ. އެ 1000 ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަންއަށް 550 ކޯޓާ ދިނުމަށް ހަަމަޖެހިފައިވާއިރު، އަމިއްލަ ކުންފުނިތަކަށް 450 ކޯޓާ ލިބޭނެ އެވެ. އެހެން ކަމުން ބާކީ ތިބި ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ލިބޭނެ އެވެ.

ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއި، މިނާ ހައްޖު އުމުރާ ގްރޫޕާއި، އަލް ހަރަމައިން ހައްޖު އެންޑް އުމްރާއިން ހުށަހަޅާފައިވަނީ އެއް އަގެކެވެ. އެއީ 69،965 ރުފިޔާއެވެ. ތަޒްކިއާ ޕްރައިވެޓް ލިމިޓެޑުން 72،550 ރުފިޔާ ހުށަހެޅި އިރު، ޒައީމާ ގްރޫޕް ޕަރައިވެޓް ލިމިޓެޑުން ހުށަހެޅީ 70،000 ރުފިޔާއެވެ. އެެންމެ މަދުން ހުށަހެޅީ އެކްރޯ ޕްރައިވެޓް ލިމިޓެޑުންނެވެ. އެއީ 59،965 ރުފިޔާއެވެ.