ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ދޭން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ލަަސްވާތީ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.
އެ މައްސަލަ ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10:45 ށެވެ.
ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.
ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.
އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ އެ ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައެޅުމަށްފަހު އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެއީ 348.10 މިލިއަން ރުފިޔާ އެވެ.
އެ ހުކުމް ކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެވެ. ހުކުމާ ހިތްހަމަ ނުޖެހި، ދައުލަތުގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ހައިކޯޓުން ހުކުމް ކުރީ ދައުލަތާ އެއްކޮޅަށެވެ. ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ ދީބާޖާ ކުންފުނިންނެވެ. އެ ކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ އިލްތިމާސްކުރީ މައިގަނޑު އެންމެ ނުކުތާއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ އެވެ. އެނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކޮށްފަ އެވެ.