ހަބަރު

ސެނަހިޔާ ތަރައްގީ ކުރަން އިންޑިއާ ސިފައިންނާ މަޝްވަރާކޮށްފި

ސިފައިންގެ ހޮސްޕިޓަލް، ސެނަހިޔާ އިތުރަށް ތަރައްގީ ކުރަން އިންޑިއާގެ ސިފައިންނާއެކު މިއަދު މަޝްވަރާކޮށްފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ސިފައިން ހޮސްޕިޓަލް ސެނަހިޔާގެ ފެންވަރު މަތިކޮށް، ތަރައްގީ ކުރުމާގުޅޭ ގޮތުން އިންޑިއާ ސިފައިންގެ މެޑިކަލް ސާވިސްގެ ޑިރެކްޓަ ޖެނެރަލް، މޭޖާ ޖެނެރަލް ޕްރަޝާންތު ބްރަދްވާޖް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އިންޑިއާ ސިފައިންގެ މޭޖާ ޖެނެރަލް ޕްރަޝާންތު ބްރަދްވާޖް ވަނީ މިނިސްޓަރު މާރިޔާގެ އިތުރުން ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ވެސް ބައްދަލު ކުރައްވާފަ އެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއެކު އޮތް ގުޅުން ހީނަރުވެފައިވީ ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން އެ ގުޅުން އަންނަނީ ރަނގަޅުވަމުންނެވެ.