ކުރިން ވެސްޓް ޕާކް ރެސްޓޯރެންޓް ހިންގި ސަރަހައްދާއި ވިލިމާލޭގައި ހަދަމުންދާ ވަގުތީ މާރުކޭޓްތަކުން ގޮޅި ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާން ކޮށްފި އެވެ.
ވެސްޓް ޕާކް ރެސްޓޯރެންޓް ހުރި ސަރަހައްދާއި ވިލިމާލޭގައި ވަގުތީ މާރުކޭޓް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
ސިޓީ ކައުންސިލުން ވަކި ވަކިން ކުރި ދެ އިއުލާނުގައި ވަނީ، ރޯދަމަހާއި ގުޅިގެން ކައުންސިލްގެ ފަރާތުން ދަނޑުވެރިން ގެންނަ ތާޒާ މޭވާ އާއި ތަރުކާރީ މާލޭ އާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ގަންނަން ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރީގެ ވެސްޓް ޕާކު ސަރަހައްދާއި ވިލިމާލޭގައި ގާއިމްކޮށްފައިވާ ވަގުތީ މާރުކޭޓުން ގޮޅިދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ގޮޅި ދޫކުރަން ނިންމާފައި ވަނީ އެއްމަސް ދުވަހަށް ކަމަށްވެސް އިއުލާންގައި ވެއެވެ.
ވެސްޓުޕާކް ރެސްޓޯރަންޓު ހިންގި ސަރަހައްދުން ދޫކުރަން ނިންމާފައިވަނީ 32 ގޮޅިއެވެ. އަދި ވިލިމާލޭ މާރުކޭޓުން ދޫކުރަން ނިންމާފައިވަނީ 20 ގޮޅި އެވެ.
އިއުލާންގައި ވަނީ، ވެސްޓް ޕާކް ރެސްޓޯރެންޓް ހިންގި ސަރަހައްދުން ގޮޅި ބޭނުންވާ ފަރާތްތަކުން އެކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ގޮޅިއަށް އެދޭ ފޯމް ފުރުމަށްފަހު އަންނަ ބުދަ ދުވަހުގެ ކުރިން އެކައުންސިލަށް ހުށަހެޅުމަށެވެ. އަދި ވިލިމާލޭ ވަގުތީ މާރުކޭޓުން ގޮޅިބޭނުންވާ ފަރާތްތަކުން އެކައުންސިލްގެ ވިލިމާލޭ ސެކްޝަނުން ގޮޅިއަށް އެދޭފޯމު ފުރުމަށްފަހު މިއަދު މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށެވެ.
މާލޭ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ކުރިން ވެސްޓް ޕާކް ރެސްޓޯރެންޓް ހިންގި ސަރަހައްދާއި ވިލިމާލޭގައި ވަގުތީ މާރުކޭޓް ގޮޅިތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ވަގުތީ މާރުކޭޓް ގޮޅިތައް ހަދަނީ ދަނޑުވެރިންނަށް ތަކެތި ވިއްކުމަށް އިތުރު ފުރުސަތުތަކެއް ހުޅުވާލުމުގެ ގޮތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.