ރެއާލް މެޑްރިޑް

ބޭލް ބާކީ ކުރަން އަހަރެން ނިންމީ ރަނގަޅަށް: ޒިދާން

ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު ދެ މެޗުގެ ސްކޮޑުގައި، އެ ޓީމުގެ ފޯވަޑް ގެރެތު ބޭލް ނުހިމަނަން އޭނާ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އަނިޔާގެ އެއްވެސް މައްސަލައެއް ދިމާނުވެ، ޖެހިޖެހިގެން ދެ މެޗުން ސްކޮޑުގައި ނުހިމަނައި ބޭލް ބާކީ ކުރީ މުޅިން އަލަށެވެ. މިދިޔަ ހަފުތާގައި ވިޔަރެއާލް އާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުންވެސް ބޭލް އަށް ފުރުސަތު ނުދެ އެވެ. އެ މެޗުން ރެއާލް މޮޅުވީ 3-2 އިންނެވެ.

ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ސްކޮޑުންވެސް ބޭލް އަށް ފުރުސަތު ނުދެ އެވެ. ރޭ ގެ މެޗުގައި ލީޑް ނަގާފައި ވަނިކޮށް، ރެއާލް ބަލިވީ 3-1 އިންނެވެ. ބޭލް ނުހިނަމައި ކުޅެން ޖެހުނު ދެ ވަނަ މެޗުން ރެއާލް ބަލިވުމުން މެސެޖެއް އެބައޮތްތޯ ސުވާލު ކުރުމުން ޒިދާން ބުނީ، އޭނާ ނިންމި ނިންމުން ސާފު ކަމަށެވެ.

"މި ހަފުތާ ބަންދުގައި އަހަރެން ނިންމި ނިންމުން އަހަންނަށް ވަރަށް ސާފް،" ބޭލް ބާކީ ކުރުމަށް ނިންމި ނިންމުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ. "ބަލަމާ އަހަރެން އަންނަ ހަފުތާގައި އަމަލު ކުރަނީ ކިހިނެއްތޯ އަދި އަންނަ ސީޒަންގައި އަހަރެން އަމަލު ކުރަނީ ކިހިނެއްތޯވެސް ބަލަމާ، ޖިސްމާނީ ގޮތުންވެސް އޭނާ ހުރީ ފިޓްކޮށް."

ރެއާލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކީވެސް ބޭލް އެވެ. އެހެންނަމަވެސް އޭނާގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެންނާތީ އެކަމުގެ ކަންބޮޑުވުން ރެއާލްގެ މެނޭޖްމެންޓްގައި އޮންނަ ކަމަށް މީޑިއާތަކުން ދޭތެރެ ދޭތެރެއިން ރިޕޯޓް ކުރެ އެވެ.

މިއަންނަ ސީޒަންގައި، ޒިދާންގެ ޕްލޭންގައި ބޭލް ހިމެނޭނެ ކަމަށް ނުބެ ލެވެ އެވެ. ރެއާލުން މަސައްކަތް ކުރަމުން ދަނީ، ޗެލްސީގެ ފޯވަޑް އެޑެން ހަޒޑް ގެނައުމަށެވެ. އޭގެ ކުރިން ބޭލް ދޫކޮށްލަން އެ ޓީމަށް ޖެހެ އެވެ.