ހަބަރު

ބަނގުރާ ގެންގުޅުނު ދިވެއްސަކު ފިލައިފި، ބިދޭސީއަކު ހައްޔަރަށް

May 13, 2019
1

ދިވެއްސަކާއި ބިދޭސީއަކު ބަނގުރާފުޅިތަކެއް ހިފައިގެން އުޅުނިކޮށް އޭގެ ތެރެއިން ބިދޭސީ މީހާ ހައްޔަރުކޮށްފައި ވަނިކޮށް ދިވެހި މީހާ ފިލައިފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ ފަތިހު ހިންގި އޮޕަރޭޝަނެއްގައި ބިދޭސީ މީހާ އަތުލައިގަނެ، ހައްޔަރު ކުރީ ހުޅުމާލެ ފަޅުގައި އޮތް ޑީންގީއަކުން އެއްޗެހިތަކެއް ބާލައިގެން ޓެކްސީއަކަށް އަވަރުވަމުން ދަނިކޮށް ހުޅުމާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ޝައްކު ކުރެވިގެން ކަމަށެވެ. އަދި ބުނީ އެ ޓެކްސީ ހުއްޓުވައި ބަލައި ފާސް ކުރިއިރު އޭގެ ތެރެއިން 60 ފުޅި ބަނގުރާ ފެނުނު ކަމަށެވެ.

މި އޮޕަރޭޝަނުގައި ޓެކްސީގެ ތެރެއިން ހައްޔަރު ކުރީ ޓެކްސީއަށް ބަނގުރާ އެރުވި 39 އަހަރުގެ ބިދޭސީ މީހާއެވެ. އެ ޓެކްސީ ދުއްވަން އިން ދިވެހި މީހާ ޓެކްސީ ދޫކޮށްލުމަށް ފަހު ފިލައިގެން ދިޔައީ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ބަލައި ތަހުގީގެއް ކުރަމުންނެވެ. ހުޅުމާލޭގައި ރޭ މި ހާދިސާ ހިނގި އިރު ފަހަކަށް އައިސް މާލޭ ސިޓީގައި މިފަދަށް ކުށްތައް ވަނީ އިތުރުވެފަ އެވެ.