ކުޅިވަރު

ދެ ކީޕަރުން ކުޅޭނެ ކުލަބެއް އަދި ނުނިންމާ

ރާއްޖޭގެ މިވަގުތު ތިބި އެންމެ މޮޅު ދެ ކީޕަރުން ކަމަށްވާ، އިމްރާން މުހައްމަދު އާއި މުހައްމަދު ފައިސަލް ކުޅޭނެ ކުލަބެއް އަދި ނުނިންމަ އެވެ.

ދެ ކީޕަރުންވެސް އެންމެ ފަހުން ކުޅުނީ، ނިއު ރޭޑިއަންޓަށެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ތާރީހީ ބަދަލެއް އަންނަ އިރު، މުސާރައިގެ މައްސަލަ އާ ހެދި ނިއު ރޭޑިއަންޓް އޮތީ ސަސްޕެންޑް ކޮށްފަ އެވެ. ދެ ކީޕަރުންނާއެކު ނިއު ރޭޑިއަންޓުން ހަދާފައިވާ އެއްބަސްވުން އެ ކުލަބުން ވަނީ އިސްވެ އުވާލާފަ އެވެ.

މަޝްހޫރު ކުޅުންތެރިންގެ ތެރެއިން އެއްވެސް ކުލަބަކާ ނުގުޅެ ތިބި ކުޅުންތެރިންގެ ތެރޭގައި އިމްރާން އާއި ފައިސަލް ހިމެނެ އެވެ. އަނެއް ކުޅުންތެރިޔަކީ، ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ ފާސިރު 'ސެންޓޭ' އެވެ.

އިމްރާން އާއި ފައިސަލް ކުލަބަކާ ނުގުޅެ ތިބިއިރު، ބައެއް ކުލަބުތަކުން އެ ދެ ކީޕަރުންނަށް ޝައުގުވެރިކަން ފާޅު ކުރި އެވެ. އެހެންނަމަވެސް ރަސްމީ އެއްބަސްވުމަކާ ހަމައަށް ދިޔަަކަން އެނގިފަ އެއް ނުވެ އެވެ. އާ ސީޒަނަށް ތައްޔާރުވުމަށް ފުރަތަމަ ޑިވިޝަން ކުލަބުތަކުގެ ތެރެއިން ކުލަބު އީގަލްސް އާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ފިޔަވައި އެހެން ކުލަބުތަކުން ވަނީ އާ ސީޒަނަށް ތައްޔާރު ވުމަށް ޕްރެކްޓިސް ފަށާފަ އެވެ.

ބިދޭސީ ކީޕަރުން ކުރިންވެސް ގެނައި، އީގަލްސް އާއި ޓީސީން ވެސް މިއަހަރުވެސް ބިދޭސީ ކީޕަރުން ގެނައުމަށް ވަނީ ނިންމާފަ އެވެ. އީގަލްސް އަށް ގެންނަނީ، މިދިޔަ ތިން އަހަރުވެސް އެ ޓީމުގެ ގޯލް ބެލެހެއްޓި ޝްރީލަންކާގެ ގައުމީ ޓީމުގެ ކީޕަރު ސޫޖަން ޕެރޭރާ އެވެ. ޓީސީ އަށް ގެންނަނީ، މިދިޔަ ދެ އަހަރުވެސް އެ ޓީމުގެ ގޯލް ބެލެހެއްޓި ނޭޕާލްގެ ކީޕަރު ކިރަން ޝިމޮޝޮންގް އެވެ.

މި އަހަރަކީ، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ބިދޭސީ ކީޕަރުން ގެނެވޭނެ އެންމެ ފަހު ސީޒަން ކަމަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ.