މިނިސްޓްރީ އޮފް ހެލްތު

ނޭޝަނަލް ހެލްތް ރިސާޗުގެ މެމްބަރުކަމަށް ނަން ހުށަހަޅަން ހުޅުވާލައިފި

ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލްގެ މެންބަރުކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހެލްތް މިނިސްޓްރީން ހުޅުވައިލައިފި އެވެ.

ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި ހެދޭ ދިރާސާތައް ބެލުމާއި ކްލިނިކަލް ޓްރަޔަލް ހެދުމުގައި ޢަމަލު ކުރާނެގޮތުގެ އުސޫލުތަކާއި، އަދި ސިއްހީ ދިރާސާއާ ގުޅޭ އާންމު އުސޫލުތައް ކަނޑައެޅުމުގެގޮތުން ހެލްތް މިނިސްޓްރީން އެކުލަވައިލި ކައުންސިލެކެވެ.

މިކައުންސިލްގެ ޒިންމާއަކީ، ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލުން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ސިއްހަތާ ގުޅުންހުރި ދިރާސާތަކާއި ކްލިނިކަލް ޓްރަޔަލްތައް ހެދުމުގެ ހުއްދަ ދިނުމެވެ.

ސިއްހީ ދިރާސާތަކާ ގުޅިގެން ހިނގާ ނޭދެވޭ ކަންތައްތަކާއި ހުށަހެޅޭ ޝަކުވާގެ ރިޕޯޓުތައް ބެލުމާއި، ސިއްހީ ދިރާސާތަކުގައި އިސްކަންދޭންވީ ކަންކަމާއި ސްޓްރެޓެޖީތައް ކަނޑައަޅެމުގެ އިތުރުން ސިއްހީ ދިރާސާތައް ނުވަތަ ޢިލްމީ ދިރާސާތައް ކުރުމުގެ މިންގަނޑުތައް ކަނޑައެޅުމަކީވެސް މިކައުންސިލްގެ ޒިންމާ އެކެވެ.

ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލްގެ މެމްބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމިއްލަ ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހު 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވައިފަ އެވެ.

ރިސާޗު ކައުންސިލްގެ މެމްބަރުކަމަށް ހުށަހަޅާ ފަރާތަކީ ތައުލީމީގޮތުން ދަށްވެގެން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައި ހުންނަ ފަރާތަކަަށް ވާން ޖެހޭއިރު، ހެލްތު ރިސާޗް ނުވަތަ އެކަޑަމިކް ރިސާޗުގެ ދާއިރާއިން ތައުލީމު ހާސިލް ކުރުމުގެ އިތުރުން، ރިސާޗް ތީސިސްއެއް ވެސް ހަދައިފައި ހުންނަން ޖެހޭނެ ފަރާތެއް ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ، ހެލްތް ރިސާޗުގެ ކައުންސިލްގެ މެމްބަރުކަމަށް ހުށަހަޅާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވެސް ވާން ޖެހޭނެ ކަމަށެވެ