އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ ގަލްފުގެ ހަމަނުޖެހުންތައް އިތުރުވެފައިވާ ހާލަތެއްގައި އެމެރިކާއިން "މައިތިރިވެ ނަފްސު ކޮންޓްރޯލް ކުރަން" ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލައިފި އެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އިރާނުގެ "ބޮޑުވަމުންދާ" ނުރައްކަލުގެ މައުލޫމާތު ހިއްސާކުރައްވަން ކަމަށް ވިދާޅުވެ ބެލްޖިއަމަށް ކުރެއްވި ކުއްލި ދަތުރުފުޅުގައި އީޔޫގެ ޑިޕްލޮމެޓިކް ޗީފް ފެޑެރިކާ މޮގެރީނީ ބްރަސެލްސްގައި ޕޮމްޕިއޯއާ ބައްދަލު ކުރައްވާފައެވެ.
ދެ ބޭފުޅުންގެ އެ ބައްދަލުވުމުގައި އިރާނުގެ މައްސަލާގައި މަޑުމައިތިރި ސިޔާސަތެއް ގެންގުޅުުއްވުމުގެ މުހިންމުކަމުގެ މައްޗަށް މޮގެރީނީ މަޝްވަރާ ކުރެއްވެވި އެވެ. އަދި އިރާނުގެ ނިއުކްލިއާ އެއްބަސްވުމަށް އީޔޫގެ ފުރިހަމަ ތާއީދު އޮތްކަން ހާމަ ކުރައްވަމުން ދެބަސްވުމުގެ ވަގުތުތަކުގައި މަޝްވަރާ ކޮށްގެން މައްސަލައަށް ހައްލު ހޯދުން ބުއްދިވެރިކަން ވެސް އެ ކަމަނާގެ ޕޮމްޕިއޯއަށް ދެންނެވި އެވެ.
"ހަމައެކަނި އަޅުގަނޑުގެ ފަރާތަކުންނެއް ނޫން، އީޔޫގެ ދެން ތިބި ހުރިހާ މެމްބަރު ގައުމުތަކުން މި ނާޒުކު ހާލަތުގައި މަޑުމައިތިރި ކަމުގެ ސިޔާސަތެއް ގެންގުޅުއްވައި އަމިއްލަ ނަފްސުތައް ކޮންޓްރޯލް ކުރުމުގެ މުހިންމުކަން ވާނީ މައިކް ޕޮމްޕިއޯއަށް ވިސްނައި ދެވިފައި"، މޮގެރީނީ ވިދާޅުވި އެވެ.
އިރާނުން ނިއުކްލިއާ އެއްބަސްވުމުގައިވާ ކަންކަމަށް އިހުތިރާމްކޮށް އޭގައިވާ ކަންތައްތައް ދަމަހައްޓަން މަސައްކަތް ކުރެއްވުމަށް ވެސް މޮގެރީނީ ވަނީ ޓްވީޓެއް ކުރައްވާ ގޮވާލައްވާފަ ވެއެވެ.
އެމެރިކާއިން އަމިއްލައަށް އިރާނުގެ ނިއުކްލިއާ އެއްބަސްވުމާއި ދެކޮޅުހަދައި ވަކިވުމަށް ފަހު އިރާނަށް ދަތިކުރުމުގެ ބޮޑެތު ފިޔަވަޅުތައް އަޅަމުންދާއިރު އެއްބަސްވުމުގެ ބައެއް ނުކުތާތަކަށް އަމަލު ނުކުރާނެ ކަމަށް އިރާނުން ވެސް ވަނީ ބުނެފަ އެވެ.
އިރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެފައި ވަނީ އެ ގައުމުގައު އުފައްދާ ޔޫރޭނިއަމާއި ނިއުކްލިއަ ގޮވާތަކެތި އުފައްދަން ބޭނުން ކުރާ ހެވީ ވޯޓާ އެހެން ގައުމުތަކަށް މުސްތަގުބަލުގައި ނުވިއްކާނެ ކަމަށެވެ.
އީޔޫ މެމްބަރުންގެ ތެރެއިން އިނގިރޭސި ވިލާތާއި ޖަރުމަނާއި ފްރާންސުން، އިރާނު މައްސަލާގައި އެމެރިކާ ގެންގުޅޭ ހަރުކަށި ސިސާސަތާމެދު ހާމަކަން ބޮޑުގޮތެއްގައި ގެންދަނީ ފާޑު ކިޔަމުންނެވެ.
އީޔޫގެ މެމްބަރުންނާއި ވަކިވަކިން ބައްދަލުކުރެއްވި ޕޮމްޕިއޯ އެ ބޭފުޅުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން ވެސް އަދި ފަހުން ވެސް ނޫސްވެރިންނާ ބައްދަކު ކުރައްވާ މައުލޫމާތު ހިއްސާ ކުރައްވާފައެއް ނުވެ އެވެ.