ހަބަރު

ޑެންގީ އާއި ޗިކުންގުންޔާ މަޑުޖެހުމެއް ނެތި ފެތުރެނީ

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ހުރި ހިސާބުތައް ދައްކާ ގޮތުން ޑެންގީ ހުން ޖެހޭ މިންވަރު އަނެއްކާވެސް އިތުރު ވެއްޖެ އެވެ.

ހެލްތް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް 1957 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައި ވެއެވެ. މިދިއަ މާޗް މަހު ޖުމްލަ 586 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފަވާއިރު އޭޕްރީލް މަހު އެ އަދަދު ވަނީ 631 އިތުރުވެފަ އެވެ. މިއީ 45 މީހުން އިތުރު އަދަދެކެވެ.

ޗިކުންގުންޔާޖެހޭ މިންވަރަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާ އާ ގުޅޭ 846 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ.
މާޗް މަހު 279 މީހުން ޗިކުންގުންޔާ ޖެހިގެން ރިޕޯޓް ކުރި އިރު އޭޕްރީލް މަހު 310 މީހުން ރިޕޯޓް ކުރި އެވެ.

މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިއަ އޭޕްރީލް މަހު ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. އެއީ 31 މީހުންގެ އިތުރުވުމެކެވެ.

ވޭތުވެ ދިޔަ އަހަރުތަގެ މިހާތަނާ އަޅާބަލާއިރު މި އަހަރު އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ދަށްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މާޗް މަހު ޖުމްލަ 20،148 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފަވާއިރު އޭޕްރީލް މަހު މި އަދަދު ވަނީ 19،825 އަށް ދަށް ވެފައި ވެއެވެ.