ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ފްރާންސްގެ އެމްބެސެޑަރު އެރިކް ލަވާތޫ އާއި އޮކްނޮމިކް ކައުންސިކާ ހާވޭ ސާނެއްލީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
މިނިސްޓަރު ފައްޔާޒާއެކު އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ވިޔަފާރި އާއި އިގްތިސޯދީ ތަރަގީގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުންނާއި ވިޔަފާރީގެ ގާތް ގުޅުމާ ބެހޭ ގޮތުންނެވެ.
މި ބައްދަލުވުން މިއަދު ބޭއްވެވި އިރު ވިޔަފާރީގެ ދާއިރާގައި ރާއްޖެއަށް ދިމާވާ ދަތިތަކުގައި އެހީތެރީކަން ފޯރުކޮށްދޭން ޗައިނާ އޮފިޝަލުންނާ ވެސް އިއްޔެ މިނިސްޓަރު ފައްޔާޒު ބައްދަލު ކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ރާއްޖެ އާއި ޗައިނާއިން ސޮއި ކުރީ ވިޔަފާރީގައި ހިމެނޭ ދާއިރާތަކުގެ އެކްސްޕާޓުންނާއެކު ރާއްޖެއަށް މަސައްކަތް ކުރެވޭނެ އެއްބަސްވުމެއްގަ އެވެ. އޭގެ ފަހުން ފައްޔާޒު ވިދާޅުވީ އެ އެއްބަސްވުމާއެކު ރާއްޖޭގެ ފަންނީ ދާއިރާތަކަށް ވެސް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށާއި ރާއްޖޭގެ ވިޔަފާރި ފުޅާ ކުރުމުގައި ޗައިނާ ފަދަ ބޮޑު ގައުމެއްގެ ތަޖުރިބާ މުހިންމު ކަމަށެވެ.