މަދިރީގެ ޒަރީއާއިން މީގެ އަހަރުތަކެއް ކުރިން އާންމުވި ނުރައްކާތެރި "ފައިލޭރިއާ" ބަލީގެ ބިރުވެރި ހަނދާންތައް އަދިވެސް ގިނަ ދިވެހީންގެ ސިކުނޑީގައި ތާޒާވާނެ އެވެ. ހަށިގަނޑުގެ ގުނަވަންތަކަށް އައިބުވާ މިންވަރަށް ސިފަ ބަދަލުވާ ބަލި ޖެހުނު މީހުންގެ ގިނައިން އެ އައިބުކަން ފެނިފައިވަނީ އެމީހުންގެ ފައިންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފަންނީ އެހީގައި 1951 ވަނަ އަހަރު ކުރިއަށްގެންދިޔަ ސާވޭއެއްގައި، ރާއްޖޭގެ 34 ރަށަކުން ފައިލޭރިއާ ފެނިފައިވެ އެވެ.
އެ ދިރާސާއެކު ރާއްޖޭގައި ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް 1968 ވަނަ އަހަރު ސަރުކާރުން ގައުމީ ފެންވަރުގައި މަސައްކަތް ފެށި އެވެ. އެގޮތުން، ފައިލޭރިއާ ހުރިތޯ ބެލުމަށް ގޭގެއަށް ގޮސް ލޭ ޓެސްޓު ކޮށްފައިވަނީ އެ މަސައްކަތުގެ ތެރެއިންނެވެ.
"މޫންލައިޓް" ނޫހުގައި 1971 ވަނަ އަހަރުގެ އޭޕްރީލް މަހު ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ މާލޭގައި ފައިލޭރިއާ އަށް ޓެސްޓް ކުރުން ކުރިއަށް ގެންދަން ނިންމާފައިވާކަން އަންގައިފަ އެވެ.
"މާލޭގެ ހުރިހާ ގެއެއްގެ އެންމެންގެ ލޭ ޓެސްޓުކޮށް ފައިލޭރިއާ ހުރިތޯ ބެލުމަށްޓަކައި 25 އޭޕްރީލް 1971 ވާ އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ލޭނެގުމުގެ މަސައްކަތް ފެށޭނެ އެވެ. ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން ލޭނަގަމުން ގެންދާނީ އެކި ރޭރޭ އެކި ގެއިންނެވެ. ކޮންމެ ގެއަކުންވެސް ލޭ ނަގަން ބޭނުންވާ ރެއެއް މި ޑިވިޝަންގެ ފަރާތުން އެންގުމުން އެރެއެއްގެ ކަނޑައެޅިފައިވާ ވަގުތު ގޭގެ އެންމެން ގޭގާ ތިބުން ކޮންމެހެން ލާޒިމެވެ،" ހެލްތު މިނިސްޓްރީގެ ދަށުން އޮންނަ ކޮންޓްރޯލް އޮފް ކޮމިޔުނިކަބަލް ޑިސީސަސް ޑިވިޝަން (ސީސީޑީސީ) ގެ އިއުލާނުގައިވެ އެވެ.
އޭގެ އިތުރުން ގޭގެއަށް ލޭ ނަގަންދާއިރު، ބަލަން ބޭނުންވެއްޖެނަމަ ގޭގެ ރަޖިސްޓްރީ ފޯމާއި ރާއްޖޭ ތެރޭގެ ބަޔަކު ތިބިނަމަ އެބައެއްގެ ރަޖިސްޓްރީ ކާޑު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ އިއުލާނުގައި ސީސީޑީސީ އިން ވަނީ އެދިފަ އެވެ.
އޭރު ފެށި ޕްރޮގްރާމުގެ ދަށުން ރާއްޖެއިން ފައިލޭރިއާ ނައްތާލެވުނީ، 2007 ވަނަ އަހަރެވެ. އެންމެ ފަހުން ރާއްޖެއިން ފައިލޭރިއާ ކޭސް އެއް ފެނިފައިވަނީ ލ. ފޮނަދޫ އިންނެވެ.
ފައިލޭރިއާއަކީ ރާއްޖޭގެ ޕަބްލިކް ހެލްތު ނުރައްކަލެއް ނޫންކަމަށް ނިންމާ، ރާއްޖެއަކީ މި ސަރަހައްދުގައި ފައިލޭރިއާއިން ސަލާމަތްވެފައިވާ ފުރަތަމަ ގައުމުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 2016 ވަނަ އަހަރެވެ.