ދުނިޔެ

ސައުދީގެ ތެޔޮ ކާރުހާނާތަކަށް ޑްރޯން ހަމަލާތަކެއްދީފި

ހަތިޔާރު އެޅި ޑްރޯންތަކެއްގެ ބޭނުންކޮށްގެން ސައުދީ އަރަބިއްޔާގެ ދެ ތެޔޮ ކާރުހާނާއަކަށް އިއްޔެ ހަމަލާތަކެއް ދީފި އެވެ.

ސައުދީ އާއި ޔޫއޭއީގެ ތެޔޮ ޓޭންކަރުތަކަކަށް ރާވައިގެން ކަމަށް ބުނާ ހަމަލާތަކެއް ދިން ތާ ދެ ދުވަސް ނުވަނީސް ދިން އެ ހަމަލާތަށް ސައުދީން ސިފަ ކޮށްފައިވަނީ އެއީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ ފަރާތުން އައި ފިނޑި އަމަލެއްގެ ގޮތުގަ އެވެ.

ސައުދީގެ ތެޔޮ ކާރުހާނާތަކަށް ކާމިޔާބު ހަމަލާތަކެއް ދެވިއްޖެކަމަށް ބުނެ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ އަތްދަށުގައިވާ ޓީވީ ސްޓޭޝަނަކުން ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ދެ ކާރުހާނާއަށް ހަމަލާ ދިނުމުގެ ސަބަބުން ރެޑް ސީގެ ޔަންބޫ ޕޯޓަށް ތެޔޮ ސަޕްލައި ކޮށްދޭ ސްޓޭޝަނަށް ގެއްލުންތައް ލިބިފައިވާކަމަށް ސައުދީގެ އެނާޖީ މިނިސްޓަރު ޚާލިދް އަލް ފާލިހް ނެރުއްވާފައިވާ ބަޔާނަކާ ހަވާލާދީ ސައުދީ މީޑިއާގައި ރިޕޯޓުކޮށްފައި ވެއެވެ.

ހަމަލާ ދިނުމުގެ ސަބަބުން އަލިފާން ރޯވި ސަރަހައްދުގެ އަލިފާން މިހާރު ނިވާލާފައިވީ ނަމަވެސް ސައުދީގެ ސަރުކާރުގެ އަރަމްކޯ ތެޔޮ ކާރުހާނާގެ ހޮޅިތަކުން ތެޔޮ ޕަމްޕު ކުރުން ވަނީ ހުއްޓާލާފަ އެވެ.

"މި ހަމަލާތަކުން ދޭހަވަނީ އިރާނުން ބާރުދީގެން ހަރަކާތްތެރިވާ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާއި ޓެރަރިސްޓް ޖަމާއަތްތައް ހުއްޓުވުމުގެ މުހިންމުކަން،" ބަޔާނުގައި ފާލިހް ވިދާޅުވި އެވެ.

ހޫތީ ހަނގުރާމަވެރިންގެ ހަމަލާތައް ސައުދީއަށް އަމާޒު ކުރުމުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށާއި ދުނިޔޭގެ އިގްތިސޯދަށް ނުރައްކާތެރިކަން ކުރިމަތި ވިޔަސް ސައުދީއިން ތެޔޮ އުފެއްދުމާއި ވިއްކުން ހުއްޓާ ނުލާނެ ކަމަށް ވެސް ފާލިހު ވައުދުވެ ވަޑައިގެންނެވި އެވެ.

ސައުދީގެ ތެޔޮ ކާރުހާނާތަކަށް ހަމަލާ ދިނުމާ ގުޅިގެން ދުނިޔޭގެ ސްޓޮކް މާކެޓުގައި ތެލުގެ އަގު ވަނީ މައްޗަށް ޖެހެން ފަށާފަ އެވެ.

އެމެރިކާއާއި އިރާނުގެ ނިއުކްލިއާ އަރައިރުންތައް ހޫނުވެ އެމެރިކާއިން އިރާނާމެދު ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވާ ދަނޑިވަޅެއްގައި ސައުދީ އާއި ޔޫއޭއީގެ ތެޔޮ ސަޕްލައިތަކަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގެ ފަހަތުގައި އިރާނުގެ އަތެއްވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް އިރާނުން އެކަން ދޮގު ކުރެ އެވެ.