ދުނިޔެ

އިރާނުން ޔުރޭނިއަމް ފައްކާ ކުރާނެ: ރިޕޯޓް

އިރާނުން 2015 އަހަރު ސޮއި ކޮށްފައިވާ ނިއުކްލިއާ އެއްބަސްވުމުގެ ބައެއް ކަންތައްތަކަށް އިރާނުން އަމަލު ކުރުން ހުއްޓާލައިފި ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

އެގައުމުން ވެފައިވާ ނިއުކްލިއާ އެއްބަސްވުމުގެ ބައެއް ނުކުތާތަށް އިރާނުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ލަފާގެ މަތިން ބާތިލް ކުރާނެކަން ޗައިނާއާ ފްރާންސާއި ރަޝިއާގެ އިތުރުން ޖަރުމަނު އަދި އިނގިރޭސި ވިލާތަށް މިދިޔަ ހަފުތާގައި އިރާނުން ވަނީ އަންގާފަ އެވެ. ނިއުކްލިއާ މި އެއްބަސްވުމުން އެމެރިކާ ވަކިވިތާ އެއް އަހަރު ފުރުނީވެސް މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ނިއުކްލިއާ އެއްބަސްވުމުގެ ދަށުން 300 ކިލޯގެ ޔުރޭނިއަމް ފައްކާކޮށް ނިއުކްލިއާ ފިއުލް އުފެއްދުމަށް ބޭނުންކުރާ ހެވީ ވޯޓާ 130 ޓަނަށް އުފެއްދުމުގެ ހުއްދަ އިރާނަށް ލިބިފައި ވެއެވެ. އަދި އިރާނުގެ ވެރިރަށް ތެހެރާނުން އުފައްދާ ނިއުކްލިއާ މައުދަނުން އިތުރުވާ ބައި އެހެން ގައުމުތަކަށް ވިއްކާލުމުގެ ފުރުސަތު ވެސް އޮވެއެވެ.

އިރާނުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ގައުމުން ނިއުކްލިއާ އެއްބަސްވުމުގެ ބައެއް ނުކުތާތައް ބާތިލް ކުރުމުން ކުރިއަށް އޮތް ތަނުގައި ޔުރޭނިއަމާއި ހެވީ ވޯޓާ އުފެއްދޭނެ ވަކި މިންގަނޑެއް އަދި އުފެއްދޭނެ އަދަދެއް ވެސް ނޯންނާނެ އެވެ.

އިރާނުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަދި ނިއުކްލިއާ އެއްބަސްވުމާއި ހިލާފު ނުވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދާއިރު އެމެރިކާއިން އެ ގައުމާ ދެކޮޅަށް އަޅާފާއިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އެ ގައުމު ރައްކާތެރި ނުކޮށްފިނަމަ ޔުރޭނިއަމް އުފައްދާ ރޭޓު އިތުރު ކުރާނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފަ އެވެ.

އިރާނާއެކު ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކޮށްފައި ތިބި ބާކީ ގައުމުތަކާއެކު އާ އެއްބަސްވުމަކަށް މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް މޭ މަހުގެ 8 ވަނަ ދުވަހު އިރާނުގެ ރައީސް ހަސަން ރޫހާނީ އެގައުމުގެ ޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.

ޔޫރަޕިއަން ޔޫނިއަން އާާއި ޖަރުމަނު، ފްރާންސް އަދި ބްރިޓިޝް ފޮރިން މިނިސްޓަރުން ވިދާޅުވަނީ އިރާނާއެކު ވެފައިވާ އެއްބަސްވުމަށް ފުރިހަމައަށް ތާއީދު ކުރިނަމަ ވެސް އެގައުމުން ދޭ ސުންގަޑިތައް ބަލައި ނުގަނެވޭނެ ކަމުގައެވެ.

އެމެރިކާއިން އިރާނާއި ހަނގުރާމަކުރަން ބޭނުން ނުވާނެ ކަމަށާއި ހަނގުރާމައެއް ކޮށްގެންވެސް އެމެރިކާއަށް ފައިދާއެއް ނުވާނެކަމަށް އިރާނުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. އަދި އެމެރިކާއާއެކު އެހެން ނިއުކްލިއާ އެއްބަސްވުމަކަށް މަޝްވަރާކުރަން ވެސް ބޭނުން ނުވާކަމަށް އިރާނުން ބުނެފައި ވެއެވެ.