ފައްޔާޒް އިސްމާއީލް

ބިދޭސީންގެ ދަފުތަރު "ހަރަހެރި" ތާއާރަފުކޮށްފި

ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބިދޭސީން ދަފުތަރު ބަލަހައްޓަން ތައްޔާރުކުރި "ހަރަހެރި" ޕޯޓަލް މިއަދު އިފްތިތާހުކޮށްފި އެވެ. ޕޯޓަލް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. -- ހަރަހެރި މި ބަސް ބޭނުން ކުރަނީ ރަށްވެހި އަދި ހަރުދަނާ މި ދެ މާނައިގަ އެވެ.

ލޭބާ ރިލޭޝަން އޮތޯރިޓީގައި މިއަދު ޕޯޓަލް އިފްތިތާހުކޮށް ދިނުމަށްފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ބިދޭސީންގެ ކަންތަށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ހަރަހެރި ޕޯޓަލްގެ ސަބަބުން ޖުމްލަ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ހަރަހެރި އަކީ ރަށު ކައުންސިލްތަކުން ބަލަހައްޓާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލް އެކެވެ. އެގޮތުން އެރަށެއްގެ އުޅޭ ބިދޭސީން ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަކީ ކައުންސިލްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރާއިރު ބިދޭސީ މިހާގެ ވަނަވަރުގެ އިތުރުން އެ ބިދޭސީ މީހަކާއި ހަވާލުވެ ހުންނަވާ ދިވެހި މީހާގެވެސް މައުލޫމާތު ހިމަނަން ޖެހެ އެވެ.

ބިދޭސީންގެ ރާއްޖޭގައި ކުރަމުންދާ މަސައްކަތާއި ގުޅިގެން ކަންބޮނޑުވުން ތަކެއް އެބަހުރި ކަމެެއް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ބިދޭސީން ރައްޖޭގައި މަސައްކަތް ކުރާ މައްސަލަ ހައްލު ކުރަން ތަފާތު ތިން ގޮތަކަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ މިހާރު މިއޮތް ރާއްޖޭގެ އިގްތިސާދަށް ލޮޅުން ނާރާނެ ގޮތަކަށް ބަލައިގެންނާއި، ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލޮޅުން ނާންނެނެ ގޮތަކަށާއި، ވިޔަފާރިތަކަށް ދަތި ނުވާނެހެން ކަންކަން ރާވައިގެން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުން ފިހާރަތަކުގެ ކޭޝިއަރު ކަމަށް ބިދޭސީން ނުބެހެއްޓެނެ ގޮތަކަށް އިސްލާހުކުރި ކަމަށެވެ. ނަމަވެސް އެ އިސްލާހަށް އަމަލުކުރަން ފެށި ހިސާބުން ގިނަ ފިހާރަތަށް ހުންނަނީ ދެ ދުވަހުން އެއް ދުވަހު ބަންދު ކޮށްފައި ކަމަށެވެ. އަދި ބައެއް ވިޔަފާރިތަށް ބަގުރޫޓްވެގެން ދިޔަ ކަމަށެވެ.

ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރަމުންދާ ކަމަށް ބުނެ އަމާޒުވާ ފާޑު ކިޔުންތަކަށް ރައްދު ދެއްވާ ފައްޔާޒް ވިދާޅުވީ، މިއަދާ ހަމައަށް އެކަން ފޯރައިފައިވަނީ ޒަމާނުއްސުރެ އެމައްސަލައަށް ހައްލު ހޯދަން ނޫޅުމުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ބިދޭސީ މީހައި ވިޔަފާރިތަށް ހިންގަނީ ދިވެއްސެއްގެ ނަންމަތީގައި ކަމަށްވުމުން، ގާނޫނީ ގޮތުން އެއީ ބިދޭސީން ހިންގާ ވިޔަފާރިއަކަށް ބެލެވޭނެ ގޮތެއް ނެތް ކަމަށެވެ.

ދިމާވެފައިވާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން މިހާރު ކުރަމުންދާ މަަސައްކަތުގައި ވިޔަފާރިވެރިންނަށް ގެއްލުންތަކެއްވާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ. އިތުރުން ވިދާޅުވީ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރެވޭ މާސްޓާ ޕްލޭން ތައްޔާރުކޮށް ނިމުމުން، ބިދޭސީން ކުރާ ވިޔަފާރިތަކަށާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަށް ވަރަށް ބޮޑުތަން ހައްލުކުރެވިގެންދާނެ ކަމަށެވެ.