ދުނިޔެ

އެމެރިކާގެ ރައްޔިތުން އިރާގުން ފޭބުމަށް އަންގައިފި

އިމެޖެންސީ މީހުން ފިޔަވާ އިރާގުގައި ދިރި އުޅެމުންދާ އެމެރިކާގެ ހުރިހާ ރައްޔިތުން އިރާގުން ފޭބުމަށް އެމެރިކާ ސަރުކާރުން ގޮވާލައިފި އެވެ.

ބަޣުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީއާއި އެރްބިލްގައި ހުންނަ އެމެރިކާ ކޮންސިއުލޭޓްގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން އިރާގުން ބޭރުވުމަށް އެމެރިކާ ސަރުކާރުން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީގައި އަމުރު ކޮށްފައި ވެއެވެ.

އެމެރިކާ ރައްޔިތުން އިރާގުން ބޭރުވާން މަސައްކަތް ކުރާއިރު އިރާގުގައި ހުންނަ އެމެރިކާގެ އިމާރާތްތަކާއި ގާތް ނުވެ ކޮމާޝަލް ދަތުރުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

އެމެރިކާއިން އަމުރު ނެރުނު ސަބަބު މިހާތަނަށް ސާފުވެފައި ނުވިނަމަވެސް ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވާ ގޮތުން އެމެރިކާގެ ރައްޔިތުން އިރާގުން ފޭބުމަށް އަންގާފައިވަނީ ޓެރަރިޒަމާއި މީހުން ވަގަށް ނެގުމާއި ހަނގުރާމަވެރިންގެ ނުރައްކާ ބޮޑުވުމުން ކަމަށް ބަޔާންކޮށްފައި ވެއެވެ.

އިރާގުގައި ތިބޭ އެމެރިކާގެ ރައްޔިތުުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ފަސޭހަކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.