ހާއްސަ އެހީއަށް ބޭނުންވާ އަންހެން މީހަކަށް އަނިޔާ ކުރުމުން، އެމީހާ މިއަދު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ މި އަންހެން މީހައަށް އަނިޔާ ކޮށްފައިވަނީ ށ. ފޭދުގަ އެވެ. އެގޮތުން އެ އަންހެން މީހާގެ ބޮލަށް ގޯންޏެއް މަހައި ހޮޅިދަނޑިއެއްގައި އައްސާފައިވެ އެވެ.
ފޭދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ، އަނިޔާ ލިބުނު އަންހެން މީހާގެ ފިރިމީހާއަކީ ވެސް ހާއްސަ އެހީ އަށް ބޭނުންވާ މީހެއް ކަމަށެވެ. އަދި އެމީހުންގެ ހަ ދަރިން ތިބޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ދަރިންގެ ތެރެއިން ވެސް ގިނައީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދެ މީހުންގެ އާއިލާގެ ފަރާތުން އެމީހުނަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބޭ ކަމަށްވެސް އެކައުންސިލް މެމްބަރު ވިދާޅުވި އެވެ. އަދި އެ އަންހެން މީހާގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް މީގެ ކުރިން ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް އަނިޔާކުރި މައްސަލަ އެމިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނާއި އެރަށުގެ ކައުންސިލާ ގުޅިގެން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް އެ މީހާ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޖެންޑާއިން ބުންޏެވެ.