ޝިދާތާ ޝަރީފު

އަންހެން މީހާއަށް އަނިޔާކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: މިނިސްޓަރު

ށ. ފޭދުގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެން މީހަކަށް އަނިޔާ ކުރި މީހުން، އިންސާފުގެ ކުރި މައްޗަށް ގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ މި އަންހެން މީހާގެ ބޮލަށް ގޯންޏެއް މަހައި ހޮޅިދަނޑިއެއްގައި ވަނީ އައްސައި އަނިޔާކޮށްފައިވެ އެވެ. މިހާދިސާގެ ރިޕޯޓް ޖެންޑާ މިނިސްޓްރީ އަށް ހުށެހެޅުމުން އޭނާ، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާއިން ވަނީ ބުނެފަ އެވެ.

މިނިސްޓަރު ޝިދާތާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އަންހެން މީހައަށް ރަހުމް ކުޑަ އަނިޔާތަކެއް ދިން ކަމުގެ މައްސަލައިގެ ރިޕޯޓް ލިބުމާއެކު އެމީހައަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށް ދޭން ފަށައިފައިވާ ކަމަށެވެ.

އަނިޔާ ލިބުނު އަންހެން މީހާގެ ފިރިމީހާއަކީ ވެސް ހާއްސަ އެހީ އަށް ބޭނުންވާ މީހެކެވެ. އަދި އެމީހުންގެ ހަ ދަރިން ތިބޭ އިރު، ދަރިންގެ ތެރެއިން ވެސް ގިނައީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނެވެ. އެ ދެ މީހުންގެ އާއިލާގެ ފަރާތުން އެމީހުނަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބޭ ކަމަށްވެސް ފޭދޫ ކައުންސިލްގެ މެމްބަރަކު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، އެ އަންހެން މީހާގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް މީގެ ކުރިން ގެނެސްފައިވާ ކަމަށެވެ.