ދުނިޔެ

ޗައިނާގެ ވާވޭއަށް އަމާޒުކޮށް ޓްރަމްޕްގެ ގަރާރެއް

May 16, 2019
1

ވޮޝިންގްޓަން (މެއި 16) - އެމެރިކާގެ ގައުމީ ސަލަމާތަށް ނުރައްކަލެއް ކުރިމަތިވާފަދަ ބޭރުގެ މުއާސަލާތީ އާލާތްތައް އެމެރިކާގެ ކުންފުނިތަކުން ބޭނުން ކުރުން މަނާ ކުރާ ގަރާރެއް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވައިފި އެވެ.

ވަކި ގައުމެއް ނޫނީ ކުންފުންޏެއް އެ ގަރާރުގައި ބަޔާންކޮށްފައި ނުވި ނަމަވެސް، ޓްރަމްޕްގެ ގަރާރުގެ އަމާޒަކީ ޗައިނާގެ މުވާސަލާތީ ކުންފުނި ވާވޭ ކަމަށް ބެލެވެ އެވެ. ވާވޭގެ އުފެއްދުންތައް ބޭނުން ކޮށްގެން ޗައިނާ ސަރުކާރުން ޖާސޫސު ކުރަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ގައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނެ އެވެ. އޭގެ އިތުރުން، ވާވޭއިން އަލަށް ތައާރަފުކުރި 5 ޖީ ނެޓުވާކުތައް ބޭނުން ނުކުރަން ވެސް އެމެރިކާއިން ދަނީ އެކި ގައުމުތަކަށް އިލްތިމާސް ކުރަމުންނެވެ.

ޓްރަމްޕްގެ ގަރާރު ނެރުއްވާފައިވަނިކޮށް، ސަރުކާރުގެ ހުއްދަނެތި އެމެރިކާ ކުންފުނިތަކުގެ ޓެކްނޮލޮޖީ ބޭނުންނުކުރެވޭ ބޭރުގެ ކުންފުނިތަކުގެ ލިސްޓުގައި އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ ވާވޭ ހިމަނައިފަ އެވެ.

ޓްރަމްޕްގެ އެ ނިންމެވުމާއެކު މިހާރުވެސް ވިޔަފާރީގެ ހަނގުރާމައެއް ކުރަމުންދާ ޗައިނާއާއެކު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ހޫނު ވެދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އެމެރިކާގެ އެ ނިންމުން ކުށްވެރިކުރަމުން، ވާވޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އެއްވެސް އުފެއްދުމަކުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށާއި، އެ ކުންފުނީގައި ޗައިނާ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކާއެކު ޗައިނާއިން ކުރާ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭގޮތުން ޓްރަމްޕް ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ހަނގުރާމައަށް ހައްލެއް ހޯދަން ދެ ފަރާތުން ކުރަމުންދާ މަޝްވަރާތައް ކުރިއަށްދާ ދުވެލި މާ ބޮޑަށް ލަސް ކަމަށް ވިދާޅުވެ، އެމެރިކާއަށް އެތެރެކުރާ ޗައިނާގެ އިތުރު 200 ބިލިއަން ޑޮލަރުގެ މުދަލުން މިދިއަ ހުކުރު ދުވަހު ވަނީ ޑިއުޓީ ބޮޑުކޮށްފަ އެވެ. އޭގެ ރައްދުގައި ޗައިނާއިންވެސް ވަނީ އެމެރިކާއިން އެތެރެކުރާ މުދަލުން ޓެކްސް އިތުރުކޮށްފަ އެވެ.