ށ. ފޜދޫގައި ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 50 އަހަރުގެ ޔާސްމީން އިބްރާހިމް ހޮޅިދަނޑިއަކާލައި ބަނދެ، އޭނާގެ ނޭވާ ހާސްވާ ގޮތަށް މޫނުގައި ގޯންޏެއް އެޅުވި މައްސަލައެއް ފެންމަތިވެ އެކަން ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގެ ވާހަކަ ސޯޝަލް މީޑިއާގައި ރޭ ދައުރުވާން ފެށުމުން ޖެންޑާ މިނިސްޓްރީން ރޭ ވަނީ ކުއްލި ގޮތަކަށް ދައުލަތުގެ ބެލުމުގެ ދަށަށް ޔާސްމީން ގެންގޮސްފަ އެވެ.
ނަމަވެސް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ދައުލަތުގެ ބެލުމުގެ ދަށަށް ޔާސްމީން ގެންދަން ޖެންޑާ މިނިސްޓްރީގައި އެދިފައިވާ ކަމާއި މިނިސްޓްރީން އެކަމަށް މާ ބޮޑަށް އަޅައި ނުލާ އޮތް ކަން މިހާރު ވަނީ އެނގި އެ ވާހަކަ ވެސް ދެކެވެން ފަށާފަ އެވެ.
ފޭދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާމިރު މިއަދު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޔާސްމީނަކީ ކުރިން ސިކުނޑި ހަމަޖެހޭ އާދައިގެ މީހެއް ކަމަށެވެ. ނަމަވެސް ފަހުން އޭނާއަކީ ސިކުނޑީގައި އުނިކަމެއް ހުންނަ ނުކުޅެދުންތެރި މީހެއް ކަމަށާއި އެކަން ފާހަގަވާން ފެށީ އޭނާގެ އަމަލުތައް ހުންނަ ގޮތުން ކަމަށެވެ. އަދި ފަހަކަށް އައިސް ޔާސްމީންގެ ފަރާތުން އެ ރަށުގެ ގިނަ ބަޔަކަށް އުނދޫތަކާ ކުރިމަތިލާން ޖެހޭ ކަމުގެ ޝަކުވާތަކެއް ކައުންސިލްއަށް ލިބޭ ކަމަށެވެ.
"ޔާސްމީން ނުއެއް ނިދާނެ، ގައިން ތާހިރެއް ވެސް ނުވޭ! މުޅި ރަށުގެ ތެރޭ ދުވާލު ހަތަރު ދަމާއި ދަންވަރު ހިނގުން އޮންނާނީ. ސިކުނޑީގެ ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން މީގެ ކުރިން ތަންތަނުގައި ހުޅު ޖެހުމާއި ބައެއް ގޭގޭގެ މީހުން ހިތްހަމަ ނުޖެހޭ ފަދަ ކަންކަން އޭނާ ފަރާތުން އާދޭ! އާންމުން އެ މައްސަލަތައް ކައުންސިލަށް ވެސް ހުށަހަޅާ،" ޝާމިރު ވިދާޅުވި އެވެ.
އޭނާ ވިދާާޅުވި ގޮތުގައި ޔާސްމީންގެ އާއިލާގައި ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަނީ އޭނާ އެކަންޏެއް ނޫނެވެ. ޔާސްމީންގެ ފިރިމީހާ އާއި އެ ދެ މީހުންގެ ފަސް ކުދިން ތިބޭ އިރު އެންމެ ހަގު ދެ ކުދީން ފިޔަވައި ދެން ތިބި ތިން ކުދިންނަކީ ވެސް އެފަދަ މައްސަލަތައް ދިމާވެފައިވާ ކުދިންނެވެ. ޔާސްމީނާއި އޭނާގެ ފިރިމީހާގެ އާއިލާގެ ފަރާތުން ވެސް އެ ދެމަފިރިންނަށް އެއްވެސް ވަރެއްގެ އަޅައި ނުލުމެއް ނޯވެ އެވެ.
ޝާމިރު ވިދާޅުވި ގޮތުގައި ޔާސްމީންގެ މައްސަލަ ޖެންޑާގެ ސަމާލު ކަމަށް ގެންދަން ކައުންސިލުން އެތައް ފަހަރަކު މަސައްކަތް ކުރި އެވެ. އެގޮތުން ޔާސްމީން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް އެދި ޖެންޑާއަށް ސިޓީން ރަސްމީކޮށް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް ޖެންްޑާއިން އެކަމުގައި މާ ބޮޑު ސަމާލު ކަމެއް އެ މައްސަލައަށް އޭރު ދީފައެއް ނުވެ އެވެ.
"މީގެ ކުރިން މި މައްސަލާގައި އެތައް ފަހަރެއްގެ މަތީން ޖެންޑާއަށް ސިޓީތައް ފޮނުވައި ހުށަހެޅީން. އެކަމަކު ގިނަަ ފަހަރަށް ޖަވާބެއް ނުލިބޭ، އަަނެއްބައި ފަހަރު އަންނާނީ އެހީތެރިއަކު ހޯދުމަށާއި ކުޅުދުއްފުށީ ޑޮކްޓަރެއް އެބަހުއްޓޭ ކިޔާފަ ޖަވާބެއް. ނަމަވެސް އެންމެ ފަހުން މި ބޮޑު ހާދިސާ ހިނގުމުން ރޭ އޭނާ އެ ގެންދިޔައީ،" ޝާމިރު ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މީގެ ކުރިން ޔާސްމީންގެ މައްސަލަ ހުށަހެޅުމުން މިނިސްޓްރީން ދިޔައީ އެކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. ނަމަވެސް އެފަދަ ކޮންމެ މީހަކީ ދައުލަަތުގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ މީހެއް ނޫން ކަމަށާއި އެންމެ ރަނގަޅުވާނީ އާއިލާއާ އެއްކޮށް އުޅުން ކަމަށެވެ.
"އަވަސް"އަށް އެނގިފައިވާ ގޮތުގައި ރޭ ޔާސްމީން ގެންދިޔަ އިރު އޭނާގެ ކުދީންގެ ތެރެއިން އަންހެން ކުއްޖަކު ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭނާއަކީ ވެސް ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ޔާސްމީނަށް އަނިޔާ ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައެއް ނުވެ އެވެ. ނަމަވެސް އެކަން ކުރި މީހުން ހޯދައި އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން އަމިއްލައަށް އިސް ނަގައިގެން މިހާރު ވަނީ ފަށާފަ އެވެ.