ދައުލަތުގެ ބެލުމުގެ ދަށުގައި ތިިބި ކުދިންގެ ތެރެއިން ށ. ފުނަދޫއަށް ގެންދިޔަ ކުދިންގެ އުޅުމާބެހޭ ގޮތުން އެރަށުން ވެސް ވާހަކަ ދައްކައިފި އެވެ.
އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ 16 ކުޑަކުއްޖަކު ފުނަދޫގައި ގާއިމްކޮށްފައިވާ "އަމާން ވެއްޓަ" ށް ބަދަލުކުރީ މިދިޔަ މަހު ކުރީކޮޅު އެވެ.
ފުނަދޫއަށް ބަދަލުކުރި ކުދިންގެ އުޅުމާ ގުޅުވައި އެ ރަށުން ވާހަކަ ދެއްކި އިރު ބ. އޭދަފުށީގައި ހުންނަ "އަމާން ވެޓަ"ށް ބަދަލުކުރި ކުދިންގެ އުޅުމާ ބެހޭ ގޮތުން އެރަށުން ވެސް ވަނީ ވާހަކަ ދައްކާފަ އެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު މިއަދު އަވަސް އަށް އިންޓަވިއުއެއް ދެއްވަމުން ވިދާޅުވީ ފުނަދޫގައި ތިބި ކުދިން ރަށުތެރޭގައި އުޅޭ މައްސަލަ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"ކޮންމެ ވަގުތަކު ވެސް އެ ކުދިން ބޭރުގައި އުޅޭތަން ފެނިދާނެ. އަޅުގަނޑުމެންގެ ދަރިންނަށް ނޯންނަ މިނިވަންކަން އެ ކުދިންނަށް ދީފައި އޮންނަނީ. ވަރަށް ފަހުން އުޅޭ އެއިން ކުއްޖަކު ޖެޓްސްކީއަކަށް އަރައިގެން އެ އެތި އަޑިއަށް ގޮސްގެން ވެސް،" އިބްރާހިމް ފުޅު ވިދާޅުވި އެވެ.
އޭނާގެ ދެން އޭނާ ފާހަގަކުރި މައްސަލައަކީ ރަށުގެ ގަސްތަކަށް ގެއްލުން ދިނުމާއި އާންމުންގެ ތެރޭގައި ބޭއަދަބީ ބަސްތައް ބޭނުންކުރުން ފަދަ މައްސަލަތަކެވެ. އޭގެ އިތުރުން ދާދި ފަހުން އެ ކުދިން ޖެންޑާ މިނިސްޓްރީގެ އޮފީހުގެ ތަކެއްޗަށް ގެއްލުން ދިން ކަަމުގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ރަށަކީ ހަގީގަތުގައި ވަރަށް އަމާން އޮމާން ރަށެއް. އެކަމަކު މިކަހަލަ ޝަކުވާތައް މިހެން އަންނަ ކަމަށް ވަންޏާ މިއީ މައްސަލައަކަށް ވާނެ. މިހާރު އަންނަ ޝަކުވާތައް އަމަން ވެއްޓަށް ވާނީ އަންގާފައި،" ފުޅު ވިދާޅުވި އެވެ.
އޭދަފުށީގައި ދިރިއުޅޭ ކުދިންގެ ފަރާތުން ނޭދެވޭ ކަންތައްތަކެއް ފެނިގެން މިޑިއާގައި ރިޕޯޓްކުރި އެވެ. އެކަމާ ގުޅިގެން ޖެންޑާއިން ވަނީ އަމާން ވެށީގައި ތިބޭ ކުދީންގެ ވާހަކަ ނުދައްކަން އިލްތިމާސެއް ކޮށްފަ އެވެ.
އެ މިނިސްޓްރީން ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކަތައް ނުފަތުރަން އެދޭ ކަމަށެވެ.