މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

އަމާންވެށީގެ ކުދިންގެ ވާހަކަ ނުދައްކަން އެދެފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަރާމާތަށް އުނިކަން އަންނަފަދަ ވާހަކަތައް ނުފަތުރަން ޖެންޑާ މިނިސްޓްރީން ގޮވާލައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، އަތޮޅުތަކުގައި ގާއިމު ކޮށްފައިވާ އަމާން ވެށިތަކަށް މާލޭ ސަރަހައްދުގައި ތިބި ކުދިން ބަދަލު ކުރަމުންދާ ވަގުތެއްގައި އެ ކުދިންނާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކާ ކަމަށެވެ.

އާއިލާގެ ލޯބިން މަހުރޫމުވެފައިވާ ކުދިން ރައްކާތެރި މާހައުލެއްގައި ބެލެހެއްޓުމަކީ ސަރުކާރުގެ ޒިންމާއަކަށްވާއިރު، އެ ކުދިންނާ ގުޅޭ ގޮތުން ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުން ކުދިންނަށް އޭގެ ނޭދެވޭ އަސަރު ފޯރާކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެކުދިން ރައްކާތެރި މުޖުތަމައުއެއްގައި ހެދި ބޮޑުވުމުގެ ފުރުސަތު ހޯދައިދިނުމަށް އަތޮޅުތެރެއަށް ބަދަލުކުރަމުން ދިޔަ ނަމަވެސް ގޮންޖެހުންތަކެއް ހުރި ކަމަށާއި، އެކަންކަން ހައްލުކުރުމުގެ މަސައްކަތްތައް ކުރާ ކަމަށެވެ.